ކުރިއަށް އޮތް ދެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ކަނޑައަޅުއްވައިފި އެވެ.

ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒު ސޮއި ކުރައްވައި ނެރުއްވި ދެންނެވުމެއްގައި ވިދާޅުވީ މާދަމާ އާއި އަންނަ ހޯމަ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަސް ކަމުގައި ރައީސް މުއިއްޒު ހަމަޖައްސަވައިފައިވާ ކަމަށެވެ. 

އެގޮތަށް ހަމަޖެއްސެވީ ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާއި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން ފެންނަ ނުފެންނަ ވޯޓުލުން މިއަދު އޮތުމާ އެކު، އިންތިހާބުގެ އެކި މަސައްކަތްތަކާއި ދައުލަތުގެ މުއައްސަސާތަކާއި ސިވިލް ސާވިސް ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވާތީ އެ ދެ ދުވަހަކީ ވެސް ބަންދު ދުވަސް ކަމަށް ހަމަޖައްސާފައިވާ ކަމަށެވެ. 

އެ ދެންނެވުމުގައި ވަނީ މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް އިލެކްޝަންސް ކޮމިޝަނުން ވެސް އެދިފައިވާ ކަމަށާއި އިންތިހާބަށް ފަހު، އިންތިހާބާ ގުޅުން ހުރި މުހިއްމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާތީ، ޖެހިގެން އަންނަ ހޯމަ ދުވަހު ވެސް ސަރުކާރު ބަންދުކުރަން އީސީން އެދިފައިވާ ކަމަށެވެ. 

އެހެންވެ މި ދެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަފައިވާ ކަމަށް ރައީސް އޮފީހުގެ ދެންނެވުމުގައި ވެ އެވެ.