މި ހަފުތާގެ އަންގާރަ އާއި ބުދަދުވަހު ދެކުނާއި މެދު ރާއްޖެ ތެރޭގެ އެކި ހިސާބުތަކަށް ގުގުރުމާ އެކު ކެރީގެ އަސަރުކުރާނެ ކަމަށާއި އެކަމަކު މި މަހަކީ ހޫނު ގަދަވާނެ މަހެއް ކަމަށް މެޓު އޮފީހުން ބުނެފި އެވެ.
މެޓު އޮފީހުން ބުނީ ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަަސަރު ފޯރާނެ ކަމަށާއި ގުގުރުން ވެސް އެކަށިގެންވާ ކަމަށެވެ. އަދި މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެ ކަމަށެވެ.
މެޓުން ލަފާކުރާ ގޮތުގައި ވައި ޖެހޭނީ ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގަ އެވެ. އަދި ކަނޑުތައް މަޑުވާނެ ކަމަށް ވެސް ބުންޏެވެ.
މެޓު އޮފީހުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު އަންގާރަ އާއި ބުދަ ދުވަހު އުތުރާއި މެދުރާއްޖެއަށް ކޮންމެވެސް ވަރަކަށް ވާރޭވެހޭނެ ކަމަށެވެ. އެކަމަކު އުތުރަށް މޫސުން ރަނގަޅުވާނެ ކަމަށެވެ.
އެ ދުވަހު ވާރޭވެހުނު ނަމަވެސް މުޅި މިމަހަށް ބަލާއިރު މިއީ ހޫނު ގަދަވާނެ މަހެއް ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް އިހުސާސްކުރެވޭ ހޫނުމިން މިވަގުތު ހުރީ ވަރަށް މަތީގަ އެވެ. މެޓުން އިއްޔެ މެންދުރު 11 ގައި އާންމުކޮށްފައިވާ ރެކޯޑުތަކުން ދައްކާ ގޮތުގައި އެންމެ ހޫނުގަދައީ މާލެއަށެވެ. މާލެއަށް އިހުސާސްކުރެވޭ ހޫނުމިން އެ ވަގުތު ހުރީ 37.3 ޑިގްރީ ސެލްސިއަސްގަ އެވެ.
އާންމުކޮށް ވެސް އެންމެ ހޫނުގަދަވަނީ މި މަހުގަ އެވެ.
އިހުސާސްކުރެވޭ ހޫނުމިން މިހާތަނަށް އެންމެ މައްޗަށް ގޮސްފައި ވަނީ އެޕްރީލް 1، 2024 ގައި މާލެއަށެވެ. އެ ދުވަހު މާލޭގައި ހޫނުމިން އިހުސާސް ކުރެވޭ މިންވަރު 48 ޑިގްރީ ސެލްސިއަސްއަށް އެރި އެވެ.
އިރުވައި މޫސުން ނިމި، މި މަހު ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެ އެވެ. ހުޅަނގު މޫސުމުގެ ބާރުގަދަވެ، ވިއްސާރަކުރާނީ މެއި މަހުން ފެށިގެންނެވެ.