ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ގެ ސިޔާސީ ނުފޫޒު ގަދަ މަހިބަދޫ ކައުންސިލްގެ އަގުލަބިއްޔަތު، ޕީއެންސީއަށް މި ފަހަރު ގެއްލިއްޖެ އެވެ.

މީގެ ކުރީގެ އިންތިހާބުތަކުގައި އެ ރަށުން ޕީޕީއެމް/ޕީއެންސީން ބޮޑު ކާމިޔާބީއެއް ހޯދަމުން އައި ނަމަވެސް، މިފަހަރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލްގެ ކޮންޓްރޯލް ވަނީ ބެހިފަ އެވެ.

ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ސަރުކާރު ހިންގާ ޕީއެންސީއަށް މިފަހަރު މަހިނބަދޫ ކައުންސިލަށް ލިބުނީ މެމްބަރު ކަމުގެ ދެ ގޮނޑި އެވެ. އެއީ ފިރިހެން ކައުންސިލަރަކާއި އަންހެނުންނަށް ހާއްސަކުރި ގޮނޑިއެކެވެ.

އަނެއް ތިން ގޮނޑިން ދެ ގޮނޑި އެމްޑީޕީއަށް ލިބުނުއިރު ދެން އިން ގޮނޑި ލިބުނީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓަކަށެވެ.

އިންތިހާބުގެ އެންމެ މުހިންމު ގޮނޑި ކަމަށްވާ ކައުންސިލްގެ ރައީސް ކަމުގެ މަގާމު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް މޫސާ މުހައްމަދެވެ. ޕީއެންސީން ވާދަކުރި މުހައްމަދު ރަޝީދަށް ނާކާމިޔާބުވީ 609 ވޯޓު ލިބި މޫސާ މުހައްމަދަށް 813 ވޯޓު ލިބިގެންނެވެ.

އެންމެ ފަހުން ބޭއްވި ތިން މަޖިލިސް އިންތިހާބުގައި މަހިބަދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ތޯރިގެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ފަސް ސިޓީން ވެސް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިފަ އެވެ.

އަދި ގިނަ ރަށު ކައުންސިލްތަކުގެ ރައީސުންގެ ގޮނޑި ވެސް ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.