ހުޅުމާލޭ 2 ގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑުނީ މައި ކޭބަލަކަށް ލިބުނު ގެއްލުމެއްގެ ސަބަބުން ކަމަށާއި އެކަން ހައްލުކުރުމަށް އަދިވެސް މަސައްކަތްކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ. 

ހުޅުމާލެ 2 ގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސްޓެލްކޯ އިން ބުނީ މިއަދު ހަވީރު 3:21 ގަ އެވެ.  އަދި އޭގެ ފަހުން ވެސް ވަނީ މައްސަލަ ދެނެގަނެ 45 ވަރަކަށް މިނެޓް ތެރޭ އަލުން ހުރިހާ ޓަވަރަކަށް ކަރަންޓު ދެވޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ފަހުން ވަނީ އިތުރު މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށާއި އެހެންވެ އެ މައްސަލަތައް ހައްލުކުރަން އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނެފަ އެވެ. 

ސްޓެލްކޯ އިން ދެންމެ ބުނީ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑުނީ ހުޅުމާލެ 2 އަށް ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ މައި ހަތަރު ކޭބަލުގެ ތެރެއިން ކޭބަލަކަށް ގެއްލުންވެގެން ކަމަށެވެ. 

އެ ކުންފުނިން ބުނި ގޮތުގައި އެ ކޭބަލަށް ގެއްލުން ވެފައިވަނީ ކޮނުމުގެ މަސައްކަތެއްގެ ތެރެއިން ކަމަށް ބެލެވެ އެވެ. 

އެހެންވެ މިވަގުތަށް ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގަ އާއި ލޯޑު ހުރި ގޮތުން ބާކީ އޮތް ތިން ކޭބަލް މެދުވެރިކޮށް މުޅި ދެވަނަ ފިޔަވައްސަށް ފުރިހަމައަށް ކަރަންޓު ފޯރުކޮށްދިނުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެެ.

އެ މައްސަލަ ހައްލުކުރުމަށް ޓެކްނިކަލް ޓީމުން މަސައްކަތް ކުރަމުން އަންނައިރު ސްޓެލްކޯ އިން ބުނީ ހިދުމަތް މެދުކެނޑިފައިވާ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދިނުމަށް އެ ކޭބަލްގެ ލޯޑު، ބާކީ ތިން ކޭބަލަށް ބަހާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިވަގުތު ވެސް ހިޔާގެ ބައެއް ފްލެޓުތަކާއި ވިނަރެސްގެ ބައެއް ފްލެޓުތަކުގައި ވެސް ކަރަންޓެއް ނެތެވެ. 

ކަރަންޓު ކެނޑި ގިނައިރުތަކެއް ވެފައި ވާތީ، އެ ސަރަހައްދުގެ މީހުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.