ޑެންގީ ހުން ޖެހިގެން ޒުވާނެއްގެ ހާލު ސީރިއަސްވެ، ފަރުވާ ދޭން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި، މިދިޔަ ހަފުތާގައި ހުން އައިސްގެން 23 އަހަރުގެ އެ ޒުވާނާއަށް ފުރަތަމަ ފަރުވާ ދިނީ ށ. މިލަންދޫގަ އެވެ. ނަމަވެސް، ހާލު ސީރިއަސްވުމުން ދެން ފޮނުވާލީ ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށެވެ. އައިޖީއެމްއެޗަށް ފަރުވާއަށް ގެނައީ އިއްޔެ އެވެ.
އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޑެންގީ ހުން ޖެހިގެން ޒުވާނަކަށް އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
މިލަންދޫ ހެލްތު ސެންޓަރުން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ރަށުގައި މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ޑެންގީ ހުން ޖެހިގެން 30 މީހަކަށް ވަނީ ފަރުވާދީފަ އެވެ. މިދިޔަ ރޯދަ މަހު އެކަނި ވެސް އެ އަދަދު 15 އަށް އެރި އެވެ.
މި މަހުގެ މިހާތަނަށް ފަސް މީހުންނަށް އެ ބަލި ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެޗްޕީއޭއިން ވެސް ހިއްސާކުރި މައުލޫމާތުތަކުން، ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.
އެ އިދާރާއިން ބުނީ މިދިޔަ މަހު ޑެންގީ ޖެހިގެން 535 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރިޕޯޓުކުރި ކޭސްގެ އަދަދު އުޅެނީ 60 ގަ އެވެ.
މިދިޔަ ފެބްރުއަރީ މަހު ޑެންގީ ޖެހިގެން 428 ކޭސް ރިޕޯޓުކުރިއިރު، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެ އަދަދު ހުރީ 76 ގަ އެވެ.
ޑެންގީ ހުން ފަދަ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއި ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމު ކަމެއް ކަން އެޗްޕީއޭ އިން ވަނީ ހަނދާންކޮށްދީފަ އެވެ.