ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގީ މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހިމް އަހުމަދު (މަނިކު ސޭޓު) ގެ ގެއިން ކަމަށާއި އެކަން ކޮށްފައި ވަނީ އޭނާގެ އާއިލާ މިދިޔަ ރޯދަ މަހުގެ ފަހު ދިހައެއްގައި އުމްރާގެ އަޅުކަމަށް ދިޔަ ދަނޑިވަޅުގައިކަން އެނގިއްޖެ އެވެ.
މަނިކު ސޭޓު ހިންގަނީ، އެކި ބާވަތުގެ މުދާ އެތެރެކޮށްގެން މަންޝާގެ ނަމުގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި އެވެ.
ތިޖޫރީގައި ރައްކާކޮށްފައި ހުރި ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގީ މަޖީދީ މަގުގައި ހުންނަ ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުންނެވެ. މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، އެ ފައިސާގެ ތެރެއިން މިހާތަނަށް ހޯދިފައި ވަނީ އެންމެ ބައި ލައްކަ ރުފިޔާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ މިދިޔަ މަހުގެ 16 ގައި ހުށަހަޅާފައިވާ އެ މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރު ކޮށްފަ އެވެ. އިތުރު މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ގޭގެ ތިޖޫރިއެއްގައި ރައްކާކޮށްފައި ހުއްޓާ އެ ފައިސާ ނެގުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރ. މަޑުއްވަރީ، އިސްމާއިލް އާސިފަކީ މަނިކު ސޭޓުގެ އާއިލާ މީހެކެވެ. އެ ފައިސާ އޭނާ އިސްވެ ހުރެ ވަގަށް ނަގާފައި ވަނީ އެ އާއިލާ އުމްރާ އަށް ދިޔަ ވަގުތެއްގަ އެވެ. އޭރު އެ ގޭގައި އާސިފް ފިޔަވައި އިތުރު މީހަކު ނެތް ކަމަށްވެ އެވެ.
އެ ކަމެއް ހިނގުމުގެ ދުވަސްތަކެއް ކުރިން މަނިކު ސޭޓު ވަނީ އާސިފަށް ވަޒީފާއެއް ވެސް ހަމަޖައްސައިދީފައި ކަމަށްވެ އެވެ.
މަނިކު ސޭޓަކީ މީގެ 45 ވަރަކަށް އަހަރު ކުރިން ފެށިގެން މާލޭގައި ވިޔަފާރި ކުރަމުން އަންނަ މީހެކެވެ. ސުވެނިއާ ޝޮޕްތަކާއި އާދައިގެ ފިހާރަތައް ވެސް އޭނާ މާލޭގައި ހިންގަ އެވެ.
އުމުރުން 36 އަހަރުގެ އާސިފަކީ 10 އަހަރަށް ޖަލަށް ލާން 2022 ގައި ހުކުމް ކޮށްފައިވާ މީހެކެވެ. ކްރިމިނަލް ކޯޓުން އެ ހުކުމްކުރީ ލަނޑާ ނަގާ ދޯންޏެއްގެ ތެރޭގައި ހިންގި ހަމަނުޖެހުމެއްގެ ތެރެއިން ރ. މަޑުއްވަރީ ފެހިއަލި، އިސްމާއިލް ހައްމާދަށް ވަޅިން ހަމަލާދިން މައްސަލައެއް ސާބިތުވުމުންނެވެ.
އާސިފް 10 އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށް ފަހު، ތަންފީޒު ކުރަން ޖެހޭނީ ހަތް އަހަރާއި ތިން މަހުގެ ޖަލު ހުކުމެކެވެ. އެކަމަކު އެ ހުކުމްގެ މުއްދަތު ހަމަނުވަނީސް ސެޕްޓެމްބަރު 2023 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަހު ދުވަސްކޮޅު މިނިވަންކޮށްފައި ވަނިކޮށް، މިދިޔަ މާޗު މަހުގެ 16 ވަނަ ދުވަހު ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ބޮޑު ވައްކަމެއް ކުރި މައްސަލައެއް ފެންމަތިވެގެން ހައްޔަރުކުރީ އެވެ.
އާސިފްގެ އިތުރުން އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުން:
- މުހައްމަދު ނޫރު އަހްމަދު، 40، ކަސްތޫރިމާގެ / ޅ.ނައިފަރު
- މުހައްމަދު އަފްރާހް، 40، މޫންލައިޓްވިލާ / ސ.މީދޫ
- އަހްމަދު ފާރިސް، 39، މ. އޭސިއާ
ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ތަހުގީގީ މަރުހަލާ މުޅިން ފުރިހަމަކޮށް، މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.