އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލްގެ މަގާމަށް، އިބްރާހިމް ނިޝާން އަހުމަދު މިއަދު ހަމަޖައްސައިފި އެވެ

އާއްމު ބަލިތައް ރައްކާތެރިކުރުމާ ގުޅޭ އިދާރާގެ އިސްވެރިޔާގެ މަގާމު ހުސްވީ، ކުރިން އެ ޒިންމާތައް ފުރުއްވަމުން ގެންދެވި މައިމޫނާ އަބޫބަކުރު ރިޓަޔާކުރެއްވުމުންނެވެ. އެހެންވެ، އެ މަގާމަށް ކުރިމަތިލާން ސިވިލް ސާވިސް ކޮމިޝަނުން މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު އިއުލާންކުރި އެވެ.

އެނގިފައިވާ ގޮތުގައި، އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްކަމަށް އައިޖީއެމްއެޗްގެ ބައެއް ޑޮކްޓަރުން ވެސް ކުރިމަތިލެއްވި އެވެ. ނަމަވެސް، އެންމެ މަތީ މާކުހާ އެކު، އެ މަގާމު ލިބިވަޑައިގެންނެވީ، މިހާތަނަށް އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްއަކަށް ހުންނެވި ނިޝާނެވެ. 

އެޗްޕީއޭގެ ޑީޖީގެ ޝަރުތުތައް 

- މަގާމުގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ޕީއެޗްޑީ/ހަޔަ ޕްރޮފެޝަނަލް ޑިޕްލޮމާގެ ސަނަދު ހާސިލްކޮށް، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި ހަތަރު އަހަރުގެ ތަޖުރިބާ ލިބިިފައިވުން. އެ މުއްދަތުގައި މަދުވެގެން ދެ އަހަރު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

- މަގާމުގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން މާސްޓާސް ޑިގްރީ/އެޑްވާންސްޑް ޕްރޮފެޝަނަލް ޑިޕްލޮމާ ހާސިލްކޮށް، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި އަށް އަހަރުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގައި މަދުވެގެން ދެ އަހަރު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

ޑީޖީގެ ބައެއް ޒިންމާތައް

- އާއްމު ސިއްހަތު ރައްކާތެރިކޮށް ދަމަހައްޓަން ހިންގަންޖެހޭ ޕްރޮގްރާމްތައް ދެނެގަނެ، އެ ޕްރޮގްރާމްތައް ހިންގުމުގެ މިންގަނޑުތައް ކަނޑައެޅުމާއި އެ ޕްރޮގްރާމްތައް ހިންގާނެ ގޮތުގެ ހަމަތަކާއި އުސޫލުތަކަށް ހިދުމަތްދޭ މުއައްސަސާތަކުން ނުވަތަ މަރުކަޒުތަކުން ތަބާވުން ލާޒިމުކުރުން.

- ސިއްހީ ނުރައްކާތަކާއި ގައިންގަޔަށް އަރާ ބަލިތައް ބޭރު ގައުމުތަކުން ރާއްޖެއަށް ފޯރުން ކޮންޓްރޯލުކުރުމާއި ރާއްޖޭގައި އެފަދަ ނުރައްކާތެރި ބަލިތައް ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

- އާންމު ސިއްހަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައ، ބޭރުގެ ޖަމާއަތްތަކާއި ގައުމުތަކާއެކު އެއްބަސްވުމާއި އެފަދަ ޖަމާއަތްތަކާއި ގައުމުތަކާ ގުޅިގެން ޕްރޮގްރާމްތައް ރާވައި ހިންގުން.

ނިޝާން ވަނީ ޕަބްލިކް ހެލްތުން މާސްޓާސް ޑިގްރީ ހާސިލްކުރައްވައިފަ އެވެ. 

އެ މަގާމުގެ މުސާރައަށް 21,884ރ.، އެލަވަންސަށް 12,534ރ. އަދި ހާޒިރީ އެލަވަންސަށް 339ރ. އާއެކު މަހަކު 41،876ރ. ލިބޭނެ އެވެ.