ގއ. އަތޮޅު ކޫއްޑޫ ކައިރީގައި ފީނަން އުޅުނު ޓޫރިސްޓެއްގެ ފައިގައި މިދިޔަ ހޯމަ ދުވަހު މިޔަރެއް ދަތްއަޅައި ޒަހަމްވެ، ފައި ބުރިކޮށްލަން ޖެހިއްޖެ އެވެ.
ފުލުހުން ބުނީ އެ މީހާ އަށް ފުރަތަމަ ގއ. އަތޮޅު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާ އަށް މާލެ ގެނެސްފައިވާ ކަމަށެވެ.
އެ ހަމަލާގައި އެ ޓޫރިސްޓުގެ ދެ ފައި ވަރަށް ބޮޑަށް ޒަހަމް ވެފައިވާއިރު، އެ މީހާގެ އެއް ފައި ބުރިކޮށްލައިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އަންނަނީ ބަލަމުންނެވެ.
"އެލް ޕެރިއޮޑިކޯ މެޑިޓެރޭނިއޯ" އާ ހަވާދީ އިނގިރޭސި ވިލާތުގެ "މިރާ" ގައި ރިޕޯޓު ކޮށްފައިވާ ގޮތުން އެ ހާދިސާގައި އަނިޔާވީ ސްޕެއިންގެ އެލިކަންޓޭ އަށް ނިސްބަތްވާ، އަންހެނުންގެ ބަލިތަކަށް ހާއްސަ ޑރ. ބޯޖާ އަށެވެ.
އަލަތު ކައިވެންޏަށް ފަހު، އޭނާ އާއި އަނބިމީހާ އާނާ ރާއްޖެ އައީ ހަނީމޫނަށް ކަމަށް ވެސް މިރާ ނޫހުން ބުންޏެވެ.
އާނާގެ އާއިލާއާ ގާތް ފަރާތަކާ ހަވާލާދީ އެ ނޫހުން ބުނީ، މިޔަރު ދިން އެންމެ ހަމަލާއަކުން އޭނާގެ ފިރިމީހާގެ ކަކުލުން ތިރީގެ ހުރިހާ މަސްތަކެއް ކާލާފައިވާ ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ އެކި ސަރަހައްދުތަކުގައި މިޔަރު ހަމަލާ ދިނުމުގެ ހާދިސާތައް ދޭތެރެދޭތެރެއިން ހިނގަ އެވެ.
ރާއްޖޭގެ ކަނޑުތަކުގައި މިޔަރު މާބޮޑަށް ގިނަވެ، މަސްވެރިންނާއި ޓޫރިސްޓުންނަށް ވެސް ނުރައްކާވެފައިވާ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ.