ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ސަރަހައްދު، ޔޫރަޕްގެ ގައުމުތަކުން އަންނަ ޓޫރިސްޓުންގެ އަދަދު އަނެއްކާ ވެސް އިތުރުވާން ފަށައިފި އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އޮގަސްޓް މަހު ޔޫރަޕްގެ ގައުމުތަކުން 100،000 ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ އެމަހު ރާއްޖެއަށް އައި ޖުމްލަ ޓޫރިސްޓުންގެ 51 ޕަސެންޓެވެ. އޮގަސްޓް މަހު ޔޫރަޕްގެ މަންޒިލްތަކުން ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަރަށް ވުރެ 0.5 ޕަސެންޓް އިތުރުވެފަ އެވެ.
އޮގަސްޓްމަހާ ހަމައަށް ޔޫރަޕްގެ ގައުމުތަކުން ރާއްޖެއަށް 813،000 ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ ރާއްޖެއަށް ޖުމްލަ އައި ޓޫރިސްޓުންގެ 57 ޕަސެންޓެވެ. އެކަމަކު މިއީ މިދިޔަ އަހަރުގެ ފުރަތަމަ އަށް މަހަށް ވުރެ 6.2 ޕަސެންޓް ދަށް އަދަދެކެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ޔޫރަޕުން އައި ޓޫރިސްޓުންގެ އަދަދު މާޗް މަހުން ފެށިގެން ޖުލައި މަހަށް ވަރަށް ބޮޑަށް ދަށަށް ދިޔަ އެވެ. އެންމެ ބޮޑަށް ޓޫރިސްޓުން ދަށަށް ދިޔައީ އޭޕްރީލް މަހު އެވެ. އެމަހު ޔޫރަޕްގެ ގައުމުތަކުުން އައި ޓޫރިސްޓުންގެ އަދަދު 36 ޕަސެންޓް ދަށަށް ދިޔަ އެވެ. އޭޕްރީލް މަހު އެހާ ބޮޑަށް ޓޫރިސްޓުންގެ އަދަދު ދަށަށް ދިޔައީ ޔޫރަޕުން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތައް ކަމުގައިވާ އިނގިރޭސި ވިލާތާއި ޖަރުމަނާއި އިޓަލީ އާއި ފްރާންސް ފަދަ ގައުމުތަކުން އައި ޓޫރިސްޓުންގެ އަދަދު އެމަހު 50 ޕަސެންޓަށް ވުރެ ބޮޑަށް ދަށަށް ދިއުމުންނެވެ.
ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އިނގިރޭސި ވިލާތުން ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު 18 ޕަސެންޓަށް ދަށްވި އިރު ޖަރުމަނާއި ފްރާންސުން ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު 14 ޕަސެންޓަށް ވަނީ ދަށްވެފަ އެވެ. އަދި އިޓަލީން ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު 13 ޕަސެންޓަށް ވަނީ ދަށްވެފަ އެވެ.
ސަރުކާރުގެ މިހާރުގެ އަމާޒަކީ މިދިޔަ އަހަރާ އެއް އަދަދަކަށް ރާއްޖެއަށް ޓޫރިސްޓުން ގެނައުމެވެ.