ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ 65 ޕަސެންޓަކީ ބައިވެރިޔާއާ އެކު އަންނަ މީހުން ކަމަށް "މޯލްޑިވްސް ވިޒިޓާ ސާވޭ" އިން ދައްކައިފި އެވެ.

އެ ސާވޭއިން ދައްކާ ގޮތުން ސާވޭގައި ބައިވެރިވި އިނގިރޭސިވިލާތުގެ 77 ޕަސެންޓް ޓޫރިސްޓުން ރާއްޖެ އައީ ބައިވެރިޔާއާ އެކު އެވެ. އެމެރިކާއިން އައި ޓޫރިސްޓުންގެ 75 ޕަސެންޓް ބައިވެރިޔާއާ އެކު އައި އިރު ޖަރުމަނުން އައި 74 ޕަސެންޓް ޓޫރިސްޓުން ވެސް ރާއްޖެއަށް އައީ ބައިވެރިޔާއާ އެކު އެވެ. 

ސްވިޓްޒްލެންޑާއި އިންޑިއާގެ ވެސް 71 ޕަސެންޓް ޓޫރިސްޓުން ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައީ ބައިވެރިޔާއާ އެކު އެވެ. 

ސާވޭގައި ބައިވެރިވި ޓޫރިސްޓުންގެ ތެރެއިން ޗައިނާ، ރަޝިއާ، އިޓަލީ، ފްރާންސް އަދި ސްޕެއިނުން އައި ޓޫރިސްޓުންގެ 50 ޕަސެންޓަށް ވުރެ ބޮޑު އަދަދެއް ރާއްޖެއަށް އައީ ބައިވެރިވާ އާ އެކު އެވެ. 

ސާވޭގައިވާ ގޮތުން، ބައިވެރިޔާ ގޮވައިގެން އާންމުކޮށް އަންނަ ޓޫރިސްޓުންގެ 73 ޕަސެންޓް އިހްތިޔާރުކުރަނީ ރިސޯޓުތަކެވެ. ރާއްޖޭގެ ރަށްރަށުގެ ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ ތެރޭގައި ބައިވެރިޔާއާ އެކު ޗުއްޓީ ހޭދަކުރަން އަންނަނީ 44 ޕަސެންޓެވެ. އަދި 19 ޕަސެންޓް ހިމެނެނީ ސޯލޯ ޓޫރިސްޓުންނެވެ. އޭގެ އިތުރުން 12 ޕަސެންޓް އަންނަނީ ރައްޓެހިންނާ އެކު ކުދި ގްރޫޕްތަކުގެ ގޮތުގަ އެވެ.

ރާއްޖެއަށް ބައިވެރިޔާ ގޮވައިގެން އަންނަ ޓޫރިސްޓުންގެ ތެރެއިން 68 ޕަސެންޓަކީ އަލަށް ރާއްޖެއަށް އައި ޓޫރިސްޓުންނެވެ. އަދި 57 ޕަސެންޓް ޓޫރިސްޓުން އައީ 2-5 ވަނަ ފަހަރާ ދެމެދު އަދަދަކަށެވެ. އެފަދަ ޓޫރިސްޓުންގެ ތެރެއިން 59 ޕަސެންޓް 6-10  ފަހަރާ ދެމެދުގެ އަދަދަކަށް ރާއްޖެއަށް ޒިޔާރަތްކުރި އިރު 48 ޕަސެންޓް ޓޫރިސްޓުން ވަނީ 10 ފަހަރަށް ވުރެ ގިނަ ފަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. 

އެ ސާވޭއިން ދެއްކި ގޮތުގައި ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ  12 ޕަސެންޓް އަންނަނީ އާއިލާއާ އެކު އެވެ. ގިނަ އާއިލާތައް އަންނަނީ ދަރިންނާ އެކު އެވެ. ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ 13 ޕަސެންޓް ޓޫރިސްޓުން އަންނަނީ ރައްޓެހިންނާ އެކު އެވެ. އަދި އަށް ޕަސެންޓް އަންނަނީ އެކަނި، ސޯލޯ ދަތުރުތަކުގަ އެވެ.

މޯލްޑިވްސް ވިޒިޓާ ސާވޭ އަކީ ރާއްޖެއަށް ޓޫރިސްޓުން އަންނަ ޕެޓާން ދެނެގަނެ، އެ ޓޫރިސްޓުން ރާއްޖެއާ މެދު ދެކޭ ގޮތް އޮޅުން ފިލުވައި، ޓޫރިސްޓުންގެ ފީޑްބެކް ހޯދުމަށް ހަދާ ސާވޭ އެކެވެ. މި ސާވޭ ކުރިއަށް ގެންދަނީ ޓޫރިޒަމް މިނިސްޓްރީންނެވެ.