މި އަހަރު ނިމޭއިރު މިދިޔަ އަހަރާ އެއް އަދަދަކަށް ރާއްޖެއަށް ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން މިރޭ ވިދާޅުވެއްޖެ އެވެ.
"އަހާ" ފޯރަމްގެ ތެރެއިން އާންމުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ، ޓޫރިޒަމް ދާއިރާ މި އަހަރު ފެށުނީ މިދިޔަ އަހަރަށް ވުރެ މާ ބޮޑަށް ވެސް ރަނގަޅަށް ކަމަށެވެ.
މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް އައި ޓޫރިސްޓުން ފަސް ޕަސެންޓަށް އިތުރުވި އިރު ފެބްރުއަރީ މަހު ރާއްޖެއަށް އައި ޓޫރިސްޓުން ވަނީ 18 ޕަސެންޓަށް އިތުރުވެފަ އެވެ. ނަމަވެސް މެދުއިރުމަތީގެ ހަނގުރާމައާ ހެދި ޖެހިގެން އައި ތިން މަހު ރާއްޖެއަށް އައި ޓޫރިސްޓުން 24 ޕަސެންޓަށް ދަށްވެގެން ދިޔަ އެވެ.
"ޑިކްލައިނަށް ދިޔަ 24 ޕަސެންޓް މިހާރު ހުރީ 1.3 ޕަސެންޓާ ދޭތެރޭގަ. ވަރަށް ބޮޑަށް ޝުކުރުވެރިކަން މުޅި އިންޑަސްޓްރީއަށް. އަދި ހާއްސަކޮށް ސަރުކާރުން ގެނައި ބަދަލުތަކާ ކުރެވުނު މަސައްކަތުން މިހާރުގެ ފޯކާސްޓަކީ އިރާދަކުރެއްވިއްޔާމު މިދިޔަ އަހަރާ ގާތްގަނޑަކަށް އަރާ ހަމަކުރެވޭނެ މިއަހަރު ނިމޭ އިރު. ނޫނީ އެއަށް ވުރެ ކުޑަ ތަންކޮޅެއް ވިއްޔާ ވާނީ ރަނގަޅު،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިދިޔަ އަހަރާ އެއް އަދަދެއްގައި ރާއްޖެއަށް ނިންމާލެވިއްޖެ ނަމަ އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ތިން މަހުގެ އެހާ ބޮޑު ވެއްޓުމަކަށް ފަހު ޓޫރިސްޓުން އަންނަ އަދަދުގެ ރިކަވަނީ ރަނގަޅު ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް 2.2 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.6 މިލިއަން ޓޫރިސްޓުން އައިސްފަ އެވެ. މިދިޔަ އަހަރާ އެއް އަދަދަކަށް ޓޫރިސްޓުން ގެނައުމަށް އޮކްޓޫބަރު މަސް ހިމެނޭހެން ކުރިއަށް ތިން މަހު ރާއްޖެއަށް ހަ ލައްކަ ޓޫރިސްޓުން އަންނަން ޖެހެ އެވެ. އެއީ ކޮންމެ މަހަކު ގާތްގަނޑަކަށް ދެ ލައްކަ ޓޫރިސްޓުންނެވެ.
މިދިޔަ އަހަރުގެ ފަހު ތިން މަހު ރާއްޖެއަށް 603،000 ޓޫރިސްޓުން އައިސްފައިވެ އެވެ. އެހެންވެ، ކުރިއަށް އޮތް ތިން މަހު ވެސް ރާއްޖެއަށް އަންނަ ޓޫރިސްޓުން މިދިޔަ އަހަރުގެ އަދަދުތަކަށް ވުރެ އިތުރުވާން ޖެހެ އެވެ. މި މަހުގެ ފުރަތަމަ 10 ދުވަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރަށް ވުރެ 3.6 ޕަސެންޓް ދަށެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހު އައި ޓޫރިސްޓުން ވެސް 0.2 ޕަސެންޓް ދަށެވެ. އެހެންވެ، 2.2 މިލިއަން ޓޫރިސްޓުން ހަމަ ކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ޓޫރިސްޓުން ވަރަށް ބޮޑަށް އިތުރުވާން ޖެހެ އެވެ.
އަމީން ވިދާޅުވީ، ޓޫރިޒަމްގެ ހިސާބުތައް މިހާރު އަޅާ ކިޔަވަނީ 2025 ވަނަ އަހަރާ ކަމަށާއި އެ އަހަރަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ ޓޫރިސްޓުން އައި އަހަރު ކަމަށެވެ.
ރާއްޖެއަށް އެ އަދަދަށް ޓޫރިސްޓުން ގެނެވުނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ސިވިލް އޭވިއޭޝަން ސޭފްޓީ ސްޓޭންޑާޑް ރަނގަޅު ކުރެވި، ރާއްޖެއަށް އަންނަ އެއާލައިންތައް އިތުުރު ކުރެވުމުންނެވެ. އައިކާއޯގެ އެންމެ ފަހުގެ އޮޑިޓުން ރާއްޖޭގެ އޭވިއޭޝަން ސޭފްޓީ ސްޓޭޑާޑަށް 79 ޕަސެންޓް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ އޭވިއޭޝަންގެ ސަލާމަތާއި ރައްކާތެރިކަން ރަނގަޅުކުރެވިގެން ދިޔުމުން ޔޫރަޕިއަން ވަރަށް ގިނަ ކެރިއާސްތައް ރާއްޖެއަށް އައުމާއެކު، މިދެންނެވި ރެކޯޑް. 2.2 މިލިއަން ޓޫރިސްޓުން އައީ،" އޭނާ ވިދާޅުވި އެވެ.