ސްކޫލުތަކުގެ މެދުގައި ބާއްވާ އިންޓަ ސްކޫލު ކުޅިވަރު މުބާރާތުގެ ނަން ބަދަލުކޮށް، އެ މުބާރާތުގައި ބައިވެރިވެެވޭ އެންމެ ދަށް އުމުރު ކަނޑައެޅުމުން އެސޯސިއޭޝަންތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ހުރިހާ ކުޅިވަރު މުބާރާތަކަށް ވެސް އެ ބަދަލު ގެނެސްފަ އެވެ.

އެ ބަދަލާ އެކު، އިންޓަސްކޫލު މުބާރާތްތަކުގައި ދެން ބައިވެރި ވެވޭނީ ގްރޭޑް 7 އިން މަތީގެ ދަރިވަރުންނަށް އެކަންޏެވެ. އެއީ އުމުރުން 14 އަހަރުން މަތީގެ ދަރިވަރުންނެވެ. 

ސްޕޯޓްސް މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން އިސްވެ ގެނައި ބަދަލާ ގުޅިގެން އެސޯސިއޭޝަންތަކުން ކަންބޮޑުވުން ފާޅުކުރާތީ ހައްލެއް ހޯދަން އެޑިއުކޭޝަން މިނިސްޓްރީއާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އެކަމާ ކަންބޮޑުވުން ފާޅުކޮށް ކެރަމް ކޯޗު، އައިމިނަތު ޝުބާ އާދަމް ބުނީ މިހާރު ގެނެސްފައިވާ ބަދަލާ އެކު، ސްކޫލު މުބާރާތްތަކުގައި ކުޅެވޭނީ ހަމައެކަނި ގްރޭޑް 7، 8 އަދި 9 ގައި އެކަނި ކަމަށެވެ.

"ކެރަމްގައި މީގެ ކުރިން އޮންނަނީ 12 އަހަރުން ދަށް. އެއީ ގްރޭޑް 5 އަދި 6 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން. ވަރަށް ހުނަރުވެރި ކުއްޖެއް އެ އަށް ވުރެ ދަށް ގްރޭޑެއްގައި ހުރެފިއްޔާ ސްކޫލާއި ބެލެނިވެރިންގެ އިޒުނައެއް ނެތިއްޔާ ކުޅުވާނެ. ގްރޭޑް 10 އޯލެވެލް އަހަރު ވީމަ ގިނަ ކުދިން ނުކުޅޭނެ،" އޭނާ ބުންޏެވެ. 

ސްވިމް މޯލްޑިވްސްއިން ބޭއްވި ފެތުމުގެ އިވެންޓެއްގެ ތެރެއިން.--- ފޮޓޯ: ސްވިމް މޯލްޑިވްސް
ސްވިމް މޯލްޑިވްސްއިން ބޭއްވި ފެތުމުގެ އިވެންޓެއްގެ ތެރެއިން.--- ފޮޓޯ: ސްވިމް މޯލްޑިވްސް

ކެރަމްގައި އެންމެ ވާދަވެރިކޮށް އޮތީ 12 އަހަރުން ދަށުގެ ކެޓަގަރީއަށް ދެން އިންޓަ ސްކޫލު މުބާރާތުގައި ބައިވެރި ނުވެވޭނެ ކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރި އެވެ.

ޝުބާ ދެއްކީ ގްރެޑް 1 އިން ފެށިގެން ކެރަމް އެކަޑަމީގައި އެ މީހުންނާ އެކު، ތަމްރީނު ހަދަމުން އަންނަ ކުދިންތަކެއްގެ ވީޑިއޯއެކެވެ. މިހާރު ގްރޭޑް 4 ގައި ކިޔަވަމުންދާ ދަރިވަރުން އިންޓަ ސްކޫލު މުބާރާތުގައި ބައިވެރިވުމަށް އިތުރު ދެ އަހަރު މަޑުކުރަން ޖެހުމަކީ ކަންބޮޑުވުމެއް ކަމަށް އޭނާ ބުނެފައިވެ އެވެ.

މިދިޔަ އަހަރުން ފެށިގެން އިންޓަ ސްކޫލު މުބާރާތުގައި ބައިވެރިވާން ވަރަށް މަސައްކަތް ކުރި ކުދިން މި އަހަރު ގްރޭޑް 5 އަދި 6 ގައި ތިބި ނަމަވެސް މިހާރު އެ ގެނައި ބަދަލާއެކު އެ ކުދިންނަށް ބައިވެރި ނުވެވުމަކީ ކުދިންނަށް ދެވޭ ވަރަށް ބޮޑު ދެރައެއް ކަމަށް އޭނާ ބުންޏެވެ.

އޭގެ އިތުރުން އިންޓަސްކޫލު މުބާރާތުގެ ނަން ބަދަލުކޮށްފައިވާތީ ވެސް ޝުބާ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ މުބާރާތުގެ ނަން މިހާރު ބަދަލުކޮށްފައި ވަނީ "ރާއްޖެ ޖޫނިއާ ޗެމްޕިއަންޝިޕް" އެވެ.

ސޮކަ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެކަޑަމީ މުބާރާތުގެ މެޗެއް ކުޅެނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސޮކަ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެކަޑަމީ މުބާރާތުގެ މެޗެއް ކުޅެނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އެތައް ކުޅިވަރުތަކެއްގެ އިންޓަ ސްކޫލުގެ ތާރީހު މި ނައްތާލީ. ޖޫނިއާ ގައުމީ މުބާރާތް ނަމުގައި މިހާރު ވެސް މުބާރާތެއް ހިނގަމުން ދަނިކޮށް ރާއްޖެ ޖޫނިއާ ޗެމްޕިއަންޝިޕް ނަމުގައި އިންޓަސްކޫލު ނަމަށް ބަދަލުކޮށްގެން އެ އިން ފައިދާއެއް ނުވިސްނުނު، ކޮން ކުރިއެރުމެއް ކަމެއް އެ ބަދަލުން ލިބެނީ،" އޭނާ ބުނެފައިވެ އެވެ.

ޝުބާ ބުނި ގޮތުގައި، އިންޓަ ސްކޫލު ކުޅިވަރު މުބާރާތްތަކަކީ ޖޫނިއާ މުބާރާތްތަކުގެ ތެރެއިން އެންމެ ގިނައިން އިވެންޓުތައް ބާއްވާ މުބާރާތައް ވުމުން މެޑަލް ހޯދަން ވެސް އެންމެ ފަސޭހަ ވާނީ އެ މުބާރާތުގަ އެވެ.

ޝުބާގެ ވީޑިއޯއަށް ކޮމެންޓު ކޮށްފައިވާ އެހެން ބައެއް ކޯޗުންގެ ކަންބޮޑުވުން ވެސް ހިއްސާ ކޮށްފައިވެ އެވެ.

ސްޕޯޓްސް ނޭޗާ ސުވިމިން ކްލަބްގެ ކޯޗު ބުނީ، އޭނާގެ ދަރިވަރުން ވެސް އެންމެ ބޮޑަށް ތައްޔާރުވަނީ އިންޓަސްކޫލު މުބާރާތަށް ކަމަށެވެ. ނަމަވެސް މި ގެނައި ބަދަލާ އެކު، އުމުރުން 12 އަހަރުގެ އުމުރުފުރާގެ ކުދިންނަށް ފުރުސަތު ނުލިބޭ މައްސަލަ ހައްލުކުރަން ޖެހޭ ކަމަށް އޭނާ ވެސް ބުނެފައިވެ އެވެ.

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް ތޯހާ ސަލީމް އޭނާގެ ފޭސްބުކްޕޭޖުގައި ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިއަކާ މަޝްވަރާ ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށާއި ބަދަލުގެ ފަހަތުގައި ރަނގަޅު ކަންކަން ވެސް ހިމެނޭކަން ފާހަގަވި ކަމަށެވެ. 

"[އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލް] ވިދާޅުވި ކުޅިވަރުގެ އިތުރަށް އެތައް ސަތޭކަ ކަމެއް އެކި އެކި އިދާރާތަކުން އަދި މުވައްސަސާތަކުން އެކްޓިވިޓީ ކަލަންޑަރުގައި ހިމެނުމަށް އެދޭ ކަމަށް. އަދި މިހެން ވުމުގެ ސަބަބުން ކިޔަވައިދިނުމަށް ދޭ ފޯކަސް އަށް ވުރެ އެކިއެކި ހަރަކާތްތަކަށް ދޭ ވަގުތާއި ފޯކަސް އިތުރުވާތީ، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ކިޔެވުމަށް އަސަރުކުރާ ކަމަށް،" ތޯހާ ވިދާޅުވި އެވެ.

"އަދި ވިދާޅުވީ އެއްގޮތަކަށް ވެސް ކުޅިވަރުގެ ސަބަބުން ކުދިންގެ ނަތީޖާ އަށް އަސަރުކުރާ ވާހަކަ މިނިސްޓްރީން ވިދާޅުނުވާ ކަމަށާއި ލިބުނު މައުލޫމާތައް ބަލާއިރު މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން މަސައްކަތް ކުރައްވަމުން ގެންދަވަނީ މިހާރު މިކަން ކަން ކުރިއަށް ދާ ގޮތަށް ވުރެ ދެމެހެއްޓެނިވި ގޮތަކަށް އެހެން މޮޑެލްއަކަށް ބަދަލު ކުރެވޭތޯ."

ތޯހާ ވިދާޅުވި ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލާ ދެއްކެވި ވާހަކައިން، ކުރިން ލިބިވަޑައިނުގަންނަވާ ވަރަށް ގިނަ މައުލޫމާތު ލިބި، އޭގެ ތެރެއިން ވަރަށް ގިނަކަންކަމާ އެއްބަސްވެވަޑައިގެންނެވޭ ކަމަށެވެ.

"އުއްމީދު ކުރަނީ ކޮންމެ މޮޑެލްއަކަށް ބަދަލު ވިޔަސް ކުޅިވަރު ކުޅޭ ކުދިންނަށް އަދި ގައުމުގެ ކުޅިވަރަށް ހެޔޮ ރަނގަޅު ބަދަލެއް އައުން،" ތޯހާ ވިދާޅުވި އެވެ.