ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރިހަމަ ކުރެއްވުމަށް ފަހު، ސިޔާސީ މަސައްކަތްތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދިރިއުޅުން މިދިޔަ އަންގާރަ ދުވަހު ރާއްޖެ އަށް ބަދަލުކުރައްވައިފި އެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުން ދުރަށް ވަޑައިގެން، ތިމާވެށީގެ މަސައްކަތްތަކަށް ހާއްސަ ޖަމިއްޔާ ހިންގެވުމާ ނަޝީދު ހަވާލުވެވަޑައިގެންނެވީ އެމްޑީޕީގެ ވެރިކަން ނިމުމާއެކު ޑިސެމްބަރު، 2023 ގަ އެވެ. އެއާއެކު، ސީވީއެފްގެ ރިޔާސަތު ބަލަހައްޓާ ގާނާއަށް ޖެނުއަރީ، 2024 ގައި ވަގުތީ ގޮތުން ދިރިއުޅުއްވަން ބަދަލުކުރެއްވި އެވެ.

އެ ޖަމިއްޔާގެ ވެބްސައިޓުން ދައްކާ ގޮތުގައި ސެކްރެޓަރީ ޖެނެރަލްގެ ދައުރަކީ ތިން އަހަރެވެ. 

އެ މަނިކުފާނުގެ ނުރަސްމީ އެކްސް އެކައުންޓުގައި ރޭ ކުރެއްވި ޕޯސްޓުގައި ވެސް ވަނީ، ސިޔާސީ މަސައްކަތްތަކަށް އެނބުރި ވަޑައިގަންނަވާ ކަމުގެ ސިގްނަލެއް ދެއްވައިފަ އެވެ.

"ހުރިހާ ބޭފުޅުން ވެސް އެނބުރި ހާއްޔަށް އަންނަން ތައްޔާރު ވެލައްވާ،" އެމްއެން އަންއޮފިޝަލް އެކައުންޓުން ކުރި ޕޯސްޓުގައިވެ އެވެ.

ގާނާގައި ދިރިއުޅުއްވަމުން ގެންދެވިއިރު ވެސް ނަޝީދު ދޭތެރެދޭތެރެއިން ރާއްޖެ ވަޑައިގެން، އޭރު އެ މަނިކުފާނު އުޅުއްވި ޑިމޮކްރެޓްސްގެ ކެމްޕެއިންތަކުގައި ހަރަކާތްތެރިވެވަޑައިގެންނެވި އެވެ. އަދި މިދިޔަ އަހަރު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި އެވެ. 

ސިޔާސީ މަސައްކަތްތަކަށް މި ފަހަރު ނަޝީދު ރާއްޖެ ވަޑައިގެންނެވިއިރު އިދިކޮޅު ޕާޓީގެ ގައުމީ މަޖިލީހުން އެ މަނިކުފާނަށް ޖާގައެއް ލިބޭ ގޮތަށް އަސާސީ ގަވާއިދު އިސްލާހު ކުރަން ވެސް ވަނީ ފާސްކޮށްފަ އެވެ. އެއީ ކުރީގެ ރައީސުންނަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފުރުސަތު ދޭ ގޮތަށް އެ ޕާޓީގެ އަސާސީ ގަވާއިދު އިސްލާހު ކުރުމެވެ. 

ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެމްބަރުންގެ ގޮތުގައި ހަމަޖެއްސުމަށްޓަކައި އެ ޕާޓީގެ އަސާސީ ގަވާއިދު އިސްލާހުކުރަން ގައުމީ މަޖިލިހުން ދާދި ފަހުން ނިންމީ ދެން އެންމެ އަވަހަށް ބާއްވާ ކޮންގްރެސްއެއްގަ އެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދުނު ސިޔާސީ ކޯޅުމުގެ ތެރެއިން، އެ ހިންގުމާ ގުޅޭ ކަންތައްތަކުގައި މިހާރުގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) އަށް ލަފާދޭނެ ވަގުތީ ކޮމިޓީއެއް ނަޝީދާއި ކުރީގެ ރައީސް އިބޫ ހިމެނިވަޑައިގަންނަވާ ގޮތަށް އެ ޕާޓީގެ ގައުމީ މަޖިލިހުން ފާސްކުރީ މި މަހުގެ 11 ވަނަ ދުވަހު އެވެ.

އެ ކޮމިޓީގައި ތިއްބަވަނީ:

  1. ކުރީގެ ރައީސް މުހައްމަދު ނަޝީދު
  2. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
  3. ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ)
  4. އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
  5. ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް
  6. ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް