ށ. މިލަންދޫން ބޮޑު ދެ ވައްކަން ކުރި ދެ މީހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ ދެ މައްސަލާގައި ހައްޔަރުކުރީ އެ ރަށު ރެޑްރޯސް އަހުމަދު އަޒީމް، 34، އާއި ތަރިވިދާގެ މުހައްމަދު ޝިފާއު، 29، ކަމަށެވެ.

އެ ދެ މީހުން ވައްކަން ކޮށްގެން ފުރަތަމަ ހުށަހެޅީ މިދިޔަ ހޮނިހިރު ދުވަހު އެވެ. 

ފުލުހުން ބުނީ އެ ދުވަހު ހުށަހެޅީ މިލަންދޫ ގެއެއްގެ ގަރާޖުން ލައްކައަކަށް ވުރެ ގިނަ ރުފިޔާގެ އިންޖީނު ބައިތަކެއް ވަގަށް ނެގި މައްސަލައެއް ކަމަށެވެ.

އެ ވައްކަން ކޮށްފައި ވަނީ އެ ދުވަހުގެ މެންދުރު ކަމަށާއި ވަގަށް ނެގީ ޔަމަހާ ބްރޭންޑްގެ އައުޓްބޯޑް ގިޔަރަކާއި އޭގައި އަޅުވައިފައިވާ ބުރަފައްޗެއް ކަމަށް ފުލުހުން ބުންޏެވެ. ވެރިފަރާތާ ހަވާލާދީ، ފުލުހުން ބުނި ގޮތުގައި އެ ތަކެތީގެ އަގު 120،000ރ. އަށް ވުރެ ބޮޑުވާނެ އެވެ.

ވަގަށް ނެގި ތަކެތި އެ ދުވަހުގެ މެންދުރުފަހު 2:30 ހާއިރު މިލަންދޫ ފަޅުތެރޭގައި އަޅާފައި އޮތް ބޯޓެއްގެ ކައްޕިއަށް 2،500ރ. އަށް ވިއްކާލާފައިވާ ކަމުގެ މައުލޫމާތު ލިބުނު ކަމަށް ވެސް ބުންޏެވެ. އެ ބޯޓަށް ގޮސް ބޯޓު ބަލައި ފާސްކުރިއިރު، ބޯޓުގެ އިންޖީނުގެ ވަތުތެރެއިން، ވަގަށް ނެގި ތަކެތި ވަނީ ފެނިފަ އެވެ.

ހަމަ އެ ދެ މީހުން ޖެހިގެން އައި އާދިއްތަ ދުވަހު ގެއަކުން ޓީވީއަކާއި ސެންޓުފުޅިތަކެއް ވަގަށް ނެގި މައްސަލައެއް ވެސް ހުށަހެޅި ކަމަށް ފުލުހުން ބުންޏެވެ.

ވަގަށް ނެގި ތަކެތީގެ ތެރޭގައި 60 އިންޗީގެ ސްކައިވޯތު ޓީވީއަކާއި 65 އިންޗީގެ ޓީސީއެލް ޓީވީއަކާއި 240 ޑޮލަރުގެ އަގު ހުރި ގުޗީ ފުލޯރާ ސެންޓު ފުޅިއެއްގެ އިތުރުން 6،000ރ.ގެ އަގުހުރި އިތުރު ސެންޓުފުޅިތައް ހިމެނެ އެވެ.

ވަގަށް ނެގި ހުރިހާ ތަކެއްޗެއް މިހާރު ވަނީ ހޯދައި ވެރިފަރަތާ ހަވާލުކޮށްފަ އެވެ. އަދި އެ ދެ މީހުން އަންގާރަ ދުވަހު ހައްޔަރުކޮށް 10 ދުވަހަށް ވަނީ ބަންދު ކޮށްފަ އެވެ.