ގައުމީ ޔުނިވާސިޓީގެ ދަނާލުގައި ދިރިއުޅެމުން ދިޔަ ޒުވާން އަންހެނަކު މަރުވި ހާދިސާ ތަހުގީގުކުރަން ފަށައި، އެ ހާދިސާއާ ގުޅޭ ޒާތީ މައުލޫމާތު އާއްމު ނުކުރަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިރޭ އެދިއްޖެ އެވެ.

ޔުނިވާސިޓީގައި ކިޔަވަމުންދިޔަ ދަރިވަރުގެ މަރަށް ތިން ދުވަސް ފަހުން، އެޗްއާރުސީއެމުން ސޯޝަލް މީޑިއާގައި މިރޭ ކުރި ޕޯސްޓުގައި ބުނީ އެ ކޮމިޝަނުން އިސްނަގައިގެން އެ މައްސަލަ ބަލަމުންދާ ކަމަށެވެ. 

މީގެ އިތުރުން އެ ހާދިސާއާ ގުޅޭގޮތުން، ހަގީގަތާ ހިލާފު ވާހަކަ އާއި ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާއްމު ނުކުރުމާއި މަރުވި ޒުވާނާގެ ކަރާމާތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް އެޗްއާރުސީއެމުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ނަފްސާނީ ބައްޔަށް ފަރުވާ ކުރަމުން ދިޔަ 18 އަހަރުގެ އެ ޒުވާނާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

އޭގެފަހުން އެ ހާދިސާއާ ގުޅޭގޮތުން އެކި ވާހަކަތައް ފަތުރަމުން ދަނިކޮށް، ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވަނީ އެ ޒުވާނާއާ ފުލުހުންގެ ވިކްޓިމް ސަޕޯޓް ޔުނިޓާ ދެމެދު އެ ރޭ ދެއްކި ވާހަކަތައް ވެސް ލައިވް ޕްރެސްކޮންފަރެންސެއްގައި  އާއްމު ކުރައްވައިފަ އެވެ. އެކަމާ މެދު، އާއްމުންގެ ހިތްހަމަނުޖެހުންތައް އަމާޒުވެފައިވެ އެވެ.