ފުލުހުންގެ ކަސްޓޯޑިއަލްގައި ބަންދުގައި ހުއްޓާ މީހަކު މަރުވި މައްސަލައެއް ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ، މާލެ ކަސްޓޯޑިއަލް ގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ބަންދު ގޮޅީގައި ހަބަރު ހުސްވެފައި އޮއްވާ ފެނިގެން އިއްޔެ މެންދުރު އައިޖީއެމް ހޮސްޕިޓަލް އަށް ގެންގޮސްފައިވާ ކަމަށެވެ.
"އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވެ އެވެ،" ފުލުހުން ބުންޏެވެ
ނިޔާވެފައިވަނީ ކޯޓަށް ހާޒިރުކުރުމަށްޓަކައި ފުލުހުންގެ މައްޗަށްކޮށްފައިވާ އަމުރަކާގުޅިގެން ބަންދުގައިހުރި 45 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މި ހާދިސާގެ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން، (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން، (އެންއައިސީ) އަށް މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިއީ ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވި ދެވަނަ މީހާ އެވެ.
މި މަހުގެ 15 ވަނަ ދުވަހު ފުލުހުން ބަންދުގައި ހުއްޓާ 41 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފަ އެވެ.