މާލޭ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު މިއަދު މަރުވެއްޖެ އެވެ.

ބަންދުގައި ހުއްޓާ މަރުވީ މ. ރޭއަލިވާގެއާގޭ، އަހުމަދު ނަވްޝާދު، 41، އެވެ.

ފުލުހުން ބުނީ މާލެ ކަސްޓޯޑިއަލްގައި ބަންދުގައި ހުރި މީހަކު، ބަންދު ގޮޅީގައި ވެއްޓިފައި އޮއްވާ ފެނިގެން މިއަދު ހަވީރު އައިޖީއެމްއެޗަށް ގެންދިޔަ ކަމަށެވެ.

އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ، ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެ ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ވަނީ ހިއްސާކޮށްފަ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.