ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ޕްރައިމަރީ މިދިޔަ ހޮނިހިރު ދުވަހު ކާމިޔާބު ކުރެއްވި، އެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން ޓިކެޓު ދޫކޮށްލައްވައި، އޭނާއާ އެކު ޕްރައިމަރީގައި ދެން ވާދަކުރެއްވި އަހުމަދު ސައީދު (ސޮޑާ) އަށް ތާއިދުކުރައްވަން މިއަދު ނިންމަވައިފި އެވެ. 

ސިނާން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ޕީއެންސީގެ ޕްރައިމަރީ އަށް ފަހު، ދާއިރާގެ ގިނަ ބަޔަކާ މިދިޔަ ތިން ދުވަހު މަޝްވަރާ ކުރެއްވި ކަމަށެވެ. އެ ވާހަކަތަކުގައި މި ފަހަރު ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރަން އެންމެ ފަހި ވާނީ އޭނާ ފަހަތަށް ޖެހި، އާ ބޭފުޅަކަށް ފުރުސަތު ދީގެން ކަމަށް ފެނިވަޑައިގެންނެވި ކަމަށް ވެސް ސިނާން ވިދާޅުވި އެވެ. 

ޕީއެންސީގެ ޕްރައިމަރީގައި ސިނާންގެ އިތުރުން ދެން ވާދަކުރެއްވީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އެވެ.

ސިންނާ "މިހާރު" އަށް ވިދާޅުވީ، އެމްޑީޕީގެ ޓިކެޓުގައި އެ ދާއިރާ އަށް ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ) ބަލިކުރެވެން އޮތް އެންމެ ރަނގަޅު ގޮތަކީ ފަހަތަށް، ޖެހި މަޖިލިހަށް އާ މޫނަކަށް ފުރުސަތު ދެއްވައިގެން ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ. 

"މަޝްވަރާތަކުން ވެސް ނުކުތީ އެ ނަތީޖާ. ސޯބެ ބަލިކޮށް ޕީއެންސީން ގޮނޑި ނަގަން ލިބޭ އެއްވެސް ޗާންސެއް ދޫކޮށްލާކަށް އަޅުގަނޑު ބޭނުމެއް ނޫން. އަޅުގަނޑު ހުންނާނީ ސައީދާ އެކު،" ސިނާން ވިދާޅުވި އެވެ.

ސިނާނަށް ޕީއެނއސީގެ ޕްރައިމަރީގައި 226 ވޯޓު ލިބިވަޑައިގެންނެވިއިރު ސައީދަށް ހޯއްދެވުނީ 187 ވޯޓެވެ. 

ޕޯސްޓުގައި ސިނާން ވިދާޅުވީ އިންތިހާބުގައި ވާދަނުކުރާނެކަން ޕާޓީގެ ރައީސާއި ލީޑަޝިޕަށް އަންގާފައިވާނެ ކަމަށާއި އަދި އެ ނިންމުން އިހުތިރާމާއެކު ބަލައިގެންފައިވާ ކަމަށެވެ.

"‏މާތްاللهގެ ހެޔޮރަހުމަތާއެކު ޕާޓީން ކެނޑިޑޭޓެއް ދެއްކިހާ އަވަހަށް އަޅުގަނޑު އެކެނޑިޑޭޓާއެކު ތިޔަ ލޮބުވެތި ރައްޔިތުންގެ އަރިހަށް ދާނަމެވެ. އަޅުގަނޑުގެ އިހުލާސްތެރި އެދުމަކީ ހުރިހާ ރައްޔިތުން އައު ރޫހެއްގައި އަޅުގަނޑާއެކު ނުކުމެ އަޅުގަނޑުމެންގެ ޕާޓީގެ ކެނޑިޑޭޓް އިންތިހާބު ކޮށްދެއްވުމެވެ،" ސިނާން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އޭރުގެ އެ ދާއިރާގެ މެމްބަރު ސިނާން އިތުރު މީހަކާ ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޯބަރު 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް ސިނާން ފައިސާ ނުދެއްކެވި މައްސަލައިގަ އެވެ. ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މި މަހުގެ 12 ވަނަ ދުވަހު އެވެ. 

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އައްޑޫގެ ކުރީގެ މޭޔަރު ސޯދިގު ސޯބެ އެވެ. އެ ޕާޓީގެ ޓިކެޓު ހޯދަން އިތުރު މީހަކު ހުށަނާޅާތީ ސޯބެ އަށް ވަނީ އެމްޑީޕީގެ ޓިކެޓު ދީފަ އެވެ. 

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު ބާއްވާއިރު، ކުރިމަތިލުމުގެ މުއްދަތު އަންނަ ހޮނިހިރު ދުވަހާ ހަމައަށް މުއްދަތު ދީފަ އެވެ.