އަޒަރުބައިޖާނަށް މިއަދުން ފެށިގެން ވިސާއާ ނުލައި ދަތުރުކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ކުރިން ވިސާ ނެގުމަކާނުލައި އެ ގައުމަށް ދަތުރުކުރެވޭ ގޮތް ހަމަޖެހުނީ ދެ ގައުމުން މިދިޔަ ސެޕްޓެމްބަރު 24 ގައި ސޮއިކުރި ވިސާ އެގްޒެމްޝަން އެއްބަސްވުމަށް މިއަދު އަމަލުކުރަން ފެށުމުން ކަމަށެވެ.

އާދައިގެ ޕާސްޕޯޓުގައި ދިވެހިންނަށް ގިނަވެގެން 90 ދުވަސް ނުވަތަ ތިން މަސް ދުވަހަށް އަޒަރުބައިޖާނުގައި މަޑުކުރެވޭނެ އެވެ. އަދި މިދިޔަ ޖޫން 18 އިން ފެށިގެން ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓުގައި ވެސް ވިސާއާ ނުލައި އެ ގައުމަށް ދަތުރުކުރެވޭ ގޮތް ވަނީ ހަދައިފަ އެވެ.

ނަމަވެސް، އެ ގައުމުގައި ދިގު މުއްދަތަކަށް ތިބުމަށާއި ވަޒީފާ އަދާކުރުމާއި ތައުލީމް އުނގެނުމަށް ނުވަތަ ވިޔަފާރި ކުރާނަމަ ކަނޑައެޅިފައިވާ ވިސާ ހޯދަންޖެހޭނެ އެވެ.

މިނިސްޓްރީން ބުނީ އެ އެއްބަސްވުމަށް އަމަލުކުރަން ފެށުމުން ވިސާ އާ ނުލައި އަޒަރުބައިޖާނަށް ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ކުރި މަސައްކަތް ކާމިޔާބުވެފައިވާ ކަމަށެވެ. 

ރާއްޖެއިން 186 ގައުމަކާ އެކު ވަނީ ސިޔާސީ ގުޅުން ގާއިމްކޮށްފަ އެވެ. އޭގެ ތެރެއިން ވިސާއާ ނުލައި 60 އަށްވުރެ ގިނަ ގައުމަށް ދަތުރުކުރެވޭއިރު 26 ގައުމަކަށް އޮންއެރައިވަލް ވިސާ ލިބެ އެވެ.