ރާއްޖެއިން ސާބިއާއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑަންޓް ސަފީރު އާމިނަތު ޝަބީނާ، ސަފީރުކަމުގެ ފަތްކޮޅު ސާބިއާގެ ރައީސް އެލެކްސެންޑާ ވުޗިޗް އަށް މިއަދު އަރުވައިފި އެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ބެލްގްރޭޑްގައި ހުންނަ "ޕެލެސް ސާބިއާ" ގައެވެ.

ފޮރިން މިނިސްޓްރީން ބުނީ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށް ފަހު، އެ ގައުމުގެ ރައީސްގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައި ޝަބީނާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ސާބިއާގެ ރައީސް އަށް ތަހުނިޔާ އާއި ހެޔޮ އެދުން އަރިސްކުރައްވާފައި ކަމަށެވެ. 

މިނިސްޓްރީން ބުނި ގޮތުގައި ރާއްޖެއިން ސާބިއާ އަށް ކަނޑައެޅި ފުރަތަމަ ސަފީރުގެ ހައިސިއްޔަތުން، ދެ ގައުމުގެ ދެމެދުގައި އުފެދެމުންދާ ގާތް ގުޅުމަށް ރިއާޔަތް ކުރައްވައި، އެ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެރުވި އެވެ.

އެ ރަސްމިއްޔާތަށް ފަހު، އެކި ގައުމުތަކުން ސާބިއާއަށް ކަނޑައަޅާފައިވާ ނޮން ރެޒިޑެންޓް ސަފީރުންގެ ޝަރަފުގައި އެ ގައުމުގެ ފޮރިން މިނިސްޓަރު މާކޯ ޑުރިޗް ބޭއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ވެސް ޝަބީނާ ބައިވެރިވެވަޑައިގަތެވެ. އަދި ސާބިއާގެ ފޮރިން މިނިސްޓްރީގެ އޭޝިއާ، އޮސްޓްރޭލިއާ އެންޑް ޕެސިފިކް ޑިޕާޓްމަންޓުގެ ހެޑް، ޔެލޭނާ މާކޮވިޗްއާ ވެސް ބައްދަލުކުރެއްވި އެވެ.

މިނިސްޓްރީން ބުނީ އެ ބައްދަލުވުންތަކުގައި، ތައުލީމާއި ޓޫރިޒަމާއި އަދި ވިޔަފާރީގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.