އިތުރު ހަތަރު ގައުމެއްގައި ރާއްޖޭގެ އެމްބަސީތައް ގާއިމްކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް، ފޮރިން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "މިހާރު" އިން ހުށަހެޅި ސުވާލުތަކަށް އެ މިނިސްޓްރީން އިއްޔެ ދިން ޖަވާބުގައި ބުނީ އިޓަލީ، މިސްރު، ސައުތު އެފްރިކާ އަދި އޮސްޓްރޭލިއާގައި ރާއްޖޭގެ މިޝަންތައް ގާއިމްކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
އެ އެމްބަސީތައް ހުޅުވާނެ ދުވަހަކާ ގުޅޭގޮތުން ސުވާލުކުރިއަސް އެކަމަށް މިނިސްޓްރީން ޖަވާބުނުދޭތީ އެ ހަތަރު އެމްބަސީ ހުޅުވާނެ ދުވަހެއް އަދި ސާފެއް ނުވެ އެވެ.
ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތްކުރާ އިޓަލީގައި އެމްބަސީއެއް ގާއިމްކުރާނެ ކަމަށް ސަރުކާރުން އޮތީ މީގެ ދެ އަހަރު ކުރިން އިއުލާންކޮށްފައިވެ އެވެ. އަދި އެކަމުގެ ހުއްދަ އެ ގައުމުން ވަނީ ދީފަ އެވެ.
އިޓަލީ އަދި އެމްބަސީތައް ދެން ގާއިމްކުރާ ތިން ގައުމުގައި މިހާރު ވެސް ރާއްޖޭގެ ކޮންސިއުލޭޓު ހުރެ އެވެ.
އެ މިނިސްޓްރީގެ ވެބްސައިޓު ދައްކާގޮތުން މިހާރު ވެސް 18 ގައުމެއްގައި ރާއްޖޭގެ 19 އެމްބަސީއެއް އަދި ދެ ކޮންސުލޭޓެއް ހިންގަ އެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހައި ކޮމިޝަނެއް ހުންނައިރު ގިނަ ދިވެހިން ބޭސްފަރުވާއަށް ދާ ޓްރިވެންޑްރަމްގައި ކޮންސުލޭޓެއް ހުރެ އެވެ. ސައުދީގެ ރިޔާދުގައި ވެސް ރާއްޖޭގެ ހައި ކޮމިޝަނެއް ހުއްޓަސް ޖިއްދާގައި ވެސް ކޮންސުލޭޓެއް ހިންގަ އެވެ.
އެގޮތަށް، އެއް ގައުމެއްގައި ރާއްޖޭގެ މިޝަން ދެން ހުރީ އެމެރިކާގަ އެވެ. އެ ގައުމުގެ ވޮޝިންޓަންގައި ހައި ކޮމިޝަން އަދި ނިއުޔޯކްގައި ރާއްޖޭގެ އދ. ގެ އޮފީސް ހިންގަ އެވެ.
މި ސަރުކާރުން އެންމެ ފަހުން އެމްބަސީތައް ގާއިމްކުރީ ތުރުކީ އަދި ގަތަރުގަ އެވެ.