ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓުތަކުގައި ރާ ވިއްކަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެ އެއާލައިނުން މިއަދު ދޮގުކޮށްފި އެވެ.

މޯލްޑިވިއަންއިން ކުރި އިއުލާނެއްގައި ބުނީ އެ އެއާލައިންގެ ފްލައިޓްތަކުގައި ފަސިންޖަރުންނަށް ރާ ވިއްކަން ފަށަން ނިންމާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

ސައްހަކަން ކަށަވަރު ނުކުރެވޭ އެފަދަ މައުލޫމާތު ހިއްސާ ނުކުރުމަށް މޯލްޑިވިއަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މޯލްޑިވިއަނުން މި މަހު 17 ގައި މާލެއިން އޮސްޓްރޭލިއާގެ މެލްބަންއަށް ސީދާ ދަތުރުތައް ފަށަން އުޅޭއިރު އެ ފްލައިޓްތަކުގައި ފަސިންޖަރުންނަށް ރާ ވިއްކަން އުޅޭ ކަމަށް ބުނާ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދައުރުވި އެވެ. 

މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު ކަމަށްވާ އޭ330 ގައި ޗައިނާގެ އެކި ސިޓީތަކަށާއި ބަންގްލަދޭޝްގެ ޑާކާއަށް ކޮންމެ ހަފުތާއަކު ޝެޑިއުލް ދަތުރުތައް ކުރެ އެވެ. މި އަންނަ ސްކޫލް ބަންދާ ދިމާކޮށް ތައިލެންޑަށް ވެސް ދަތުރުތައް ބާއްވަނީ ނިންމައިފަ އެވެ.

މީގެ ކުރިން ވެސް އެކި ދުވަސްތަކާ ދިމާކޮށް ސްރީލަންކާ އާއި މެލޭޝިއާ އަދި ސައުދި އަރަބިއްޔާ އަށް ވެސް ދަތުރުތައް ބާއްވައިފަ އެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދާ ދިވެހިން ގެންދިއުމަށް ވެސް މޯލްޑިވިއަންގެ ދެ ފްލައިޓެއް ވަނީ ތާވަލުކޮށްފަ އެވެ.