ޕީއެެންއެފުން ގާނޫނީ އިމުގެ ބޭރުން މުޒާހަރާތަކާއި އެއްވުންތައް ތަކުރާރުކޮށް ބާއްވަމުންދާ ކަމުގެ މައުލޫމާތު ލިބޭތީ އާއި އެހެން ޕާޓީތަކުގެ ހަރަކާތްތަކަށް ހުރަސްއެޅޭ ގޮތަށް ޕީއެންއެފުން އަމަލު ކުރާ ކަމަށް ބުނެ އެކަން ތަކުރާރު ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ ދީފި އެވެ.

އީސީން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ އާންމު ބައްދަލުވުންތަކާއި ހަރަކާތްތައް ބޭއްވުމަކީ ސިޔާސީ ޕާޓީތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށެވެ. އެގޮތުން، ސިޔާސީ ހަރަކާތްތަކާއި އެއްވުންތައް ބޭއްވުމުގައި ހުރިހާ ސިޔާސީ ޕާޓީތަކުން އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ހުއްދަ ކުރާ ދާއިރާގެ ތެރެއިން އަމަލުކުރުމަކީ ގާނޫނުން ލާޒިމް ކޮށްފައިވާ ކަމެއް ކަމަށް ބަޔާނުގައިވެ އެވެ.

ސިޔާސީ ޕާޓީއެއްގެ މެންބަރުން ނުވަތަ އެ ޕާޓީއަކަށް ތާއިދުކުރާ ބަޔަކު އެހެން ޕާޓީއަކުން ހިންގަމުންގެންދާ ބައްދަލުވުމަކަށް ހުރަސްއެޅޭ ފަދަ އަމަލެއް ކުރުމާއި އެއް ޕާޓީއަކުން ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި، އެއް ވަގުތަކާ ދިމާކޮށް، އެހެން ޕާޓީއަކުން ބައްދަލުވުމެއް ބާއްވަން މަސައްކަތްކުރުމަކީ ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކުރާ ސުލޫކީ މިންގަނޑާ ހިލާފު އަމަލުތަކެއް ކަން ވެސް އީސީން ފާހަގަކުރި އެވެ.

މިފަހުން ޕީއެންސީގެ ޖަގަހައިގައި ޖަލްސާއެއް ކުރިއަށް ގެންދިޔަ ވަގުތު އެ ސަރަހައްދަށް ޕީއެންއެފްގެ މުޒާހަރާގެ ބައިވެރިން ގޮސް، ލަވަ ޖަހައި ހަރަކާތްތަކެއް ހިންގި އެވެ. 

އީސީން ބުނީ ޕީއެންއެފުން ސިލްސިލާކޮށް ބާއްވާ އެއްވުންތަކާއި ހިންގާ ހަރަކާތްތަކުން  ގާނޫނާ ހިލާފު އަމަލުތައް ތަކުރާރުކޮށް ކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެފަދަ އަމަލުތައް ނުހިންގުމަށް ނަސޭހަތްތެރިވެ، އެކަން އެ ޕާޓީ އަށް ކޮމިޝަނުން އަންގާފައިވާނެ ކަމަށެވެ. އަދި އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރަން ކޮމިޝަނަށް ހާޒިރުވުމަށް ދައުވަތު ދީފައިވީ ނަމަވެސް، ކޮމިޝަނަށް ހާޒިރުވާން ޕީއެންއެފުން އުޒުރުވެރިވެފައިވާ ކަމަށް އީސީން ބުންޏެވެ. 

އެހެންވެ، އަމަލުތައް ތަކުރާރު ކުރާ ނަމަ ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅު ކޮމިޝަނުން އަޅާނެ ކަމަށް ބަޔާނުގައިވެ އެވެ.