މާލޭގެ މޯޗަރީ ހުޅުމާލޭ ސަހަރާ މިސްކިތަށް ބަދަލުކޮށްދޭނެ ބަޔަކު ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ. 

އެ އިއުލާނުގައި ބުނީ ގަލޮޅު މޯޗަރީ ރީލޮކޭޓް ކުރުމަށް ހުޅުމާލޭ ސަހަރާ މިސްކިތުގެ ބިމުގައި މޯޗަރީގެ އާ އިމާރާތް ކުުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ބޭނުންވާ ކަމަށެވެ.

ކައުންސިލުން ބުނި ގޮތުގައި އެކަމާ ގުޅޭ މައުލޫމާތު ސާފުކުރުން އޮންނާނީ މި މަހުގެ 10 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި މާލޭ ސިޓީ ކައުންސިލުގެ ހޯލުގަ އެވެ. އަގު ހުށަހެޅުން އޮންނާނީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 1:30 ގައި ސިޓީ ކައުންސިލު ހޯލުގަ އެވެ.

ސިޓީ ކައުންސިލުން ބުނީ އެ ގަޑިއަށް މައުލޫމާތު ސާފުކުރުމަށް ނުދާ މީހުންނާއި ގަޑި ޖެހުމަށް ފަހުން އަންދާސީ ހިސާބު ހުށަހަޅާ މީހުންގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމަށެވެ. 

އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނިތަކާއި ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ މީހުންނަށް އެކަންޏެވެ. 

ގަލޮޅު ސަހަރާގައި މޯޗަރީ ހިންގަން ފެށީ 1975 ވަނަ އަހަރުގަ އެވެ. އެ ތަން އެންމެ ފުރަތަމަ ހުޅުވީ އެންމެ ދެ ހަށިގަނޑު ބޭއްވޭ ޖާގައާ އެކުގަ އެވެ. އެކަމަކު މިހާރު ހަ މީހުންގެ ހަށިގަނޑު މޯޗަރީގައި ބޭއްވެ އެވެ. 

ކުރިން ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި ހުޅުމާލޭ ސަހަރާ މިސްކިތް ހުންނަ ބިމަށް މޯޗަރީ ބަދަލުކުރަން ނިންމާފައި ވަނީ އެތަނުގެ ކެޕޭސިޓީ އިތުރު ކުރުމަށެވެ.