ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާއިގެ ބައި އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް މިއަދު ތަރުތީބުކޮށްފި އެވެ.

އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ބައި އިލެކްޝަންގައި ވާދަކުރައްވަނީ އިދިކޮޅު އެމްޑީޕީގެ ފަރާތުން އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާއި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އެ ދެ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފަ އެވެ.

  • ކެންޑިޑޭޓް ނަމްބަރު 1: އަހްމަދު ސައީދު (ސޮޑާ)
  • ކެންޑިޑޭޓް ނަމްބަރު 2: އަބްދުﷲ ސޯދިގު (ސޯބެ)

އެމްޑީޕީގެ ޓިކެޓުގައި އިތުރު ބޭފުޅަކު ކުރިމަތިލާފައި ނުވާތީ އެ ޕާޓީގެ ޓިކެޓު ދިނީ ސޯބެއަށެވެ. 

ސައީދާ ވާދަކޮށް، ޕީއެންސީގެ ހިތަދޫ އުތުރު ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި އެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން ޓިކެޓު ދޫކޮށްލެއްވުމުން، އެ ފުރުސަތު ސައީދަށް ދޭން އެ ޕާޓީން ނިންމީ އެވެ. 

ސިނާންގެ ގޮނޑި ގެއްލުނީ އިތުރު މީހަކާ ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޯބަރު 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކެވި މައްސަލައިގަ އެވެ. 

އެކަންކަމާ ގުޅިގެން، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރައްވަމުން ފަނޑިޔާރު އައިޝާ ޝުޖޫން ވިދާޅުވީ ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކިކަން ސާބިތުވާތީ މެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.