އެމްޑީޕީން މިދިޔަ މަހު ބޭއްވި މުޒާހަރާއެއްގައި ފުލުހެއްގެ ގައިގައި ޖަހާފައިވާ ކަމުގެ ތުހުމަތުގައި އެ ޕާޓީގެ އެކްޓިވިސްޓު މައިމޫން މުހައްމަދު ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވައިފި އެވެ. 

ފުލުހުން އޭނާ އަށް އެންގީ މާދަމާ ހެނދުނު 9:30 ގައި ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވުމަށެވެ. 

އެ ކުށުގެ ތުހުމަތުގައި ސުވާލުކުރުމަށް ގާތްގަނޑަކަށް ދެ ގަޑިއިރު ހޭދަވާނެ ކަމަށް ޗިޓުގައިވެ އެވެ. 

ޗިޓުގައިވާ ގޮތުން އޭނާ މައިމޫން ހާޒިރުކުރަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ވަގުތެއްގައި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް މާލޭގެ އެކި ސަރަހައްދުގެ މަގުތަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާކޮށް އާންމު ދަތުރުފަތުރުކުރުމަށާއި އާންމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައިފައިވާ މައްސަލައެެއްގަ އެވެ. 

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ފުލުހެއްގެ ގައިގައި ޖަހާފައިވާ ކަމުގެ ތުހުމަތު މައިމޫންގެ މައްޗަށް ކޮށްފައިވެ އެވެ. 

މިދިޔަ މަހުގެ 18 ގައި އެމްޑީޕީން ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވިކަމުގެ ތުހުމަތުކޮށް މައިމޫން ހައްޔަރު ވެސް ކުރި އެވެ. އެކަމަކު އޭނާގެ ބަންދުގެ މުއްދަތަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރުތުތަކަކާ އެކު ދޫކޮށްލައިފަ އެވެ. 

ސަރުކާރަށް 12 ކަމެއްގައި ޑިމާންޑުތަކެއް ކޮށް، އެމްޑީޕީން ސިލްސިލާ މުޒާހަރާތަކެއް މިދިޔަ މަހުގައި ފެށި އެވެ. އެ މުޒާހަރާތަކުގައި މާލޭގެ އެކި ހިސާބުތަކުގައި އެއްވުންތައް ބޭއްވި އެވެ.