ޖަލަށް ލާފައިވާ ނޫސްވެރިން މިނިވަންކުރުމަށް ގޮވާލައިމާލޭގައި ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި، އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިިވިސްޓެއްގެ ގޮތުގައި މަޝްހޫރު ޝައްމޫން ޖަލީލް (ލޫކަސް) މިއަދު ބަންދުން ދޫކޮށްލައިފި އެވެ.

ލޫކަސް ހައްޔަރުކުރީ، ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލާގައި ޖަލަށްލި "އަދަދު" ނޫހުގެ ދެ ނޫސްވެރިން މިނިވަންކުރަން ގޮވާލައި އެމްޑީޕީން އިސްވެ މި މަހު 13 ވަނަ ދުވަހުގެ ރޭ ކުރި މުޒާހަރާގަ އެވެ.

އެ މުޒާހަރާގައި 10 މީހުން ހައްޔަރު ކުރި އިރު ލޫކަސް އާ އެކު ތިން މީހަކަށް ކޯޓުން ބަންދުގެ މުއްދަތު އިތުރުކޮށް އަނެއް ހަތް މީހުން ދޫކޮށްލީ އެވެ. ލޫކަސް މިއަދު ދޫކޮށްލީ އެ ދުވަހު ބަންދަށް ދިން 10 ދުވަސް ހަމަވުމުންނެވެ. 

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީ ޕީޖީ ގްރޫޕުގެ މެންބަރުން އިސްވެ ތިއްބަވައި އެ ރޭ ފެށި މުޒާހަރާގައި މާލޭގެ އެކި ތަންތަނަށް އެއްވެ އަޑު އުފުލަމުން ދިޔައިރު ފުލުހުންނާ ކުރިމަތިލުން ވެސް ހިނގި އެވެ. 

ޖަލަށްލި ނޫސްވެރިންގެ ތެރެއިން ލީވާން އަލީ ނަސީރު ވަނީ އޭނާއަށް އިއްވި 10 ދުވަހުގެ ހުކުމް ހަމަވުމުން ހުކުރު ދުވަހު ދޫކޮށްލައިފަ އެވެ.  ލީވާނާ އެކު ޖަލަށް ހުކުމްކުރި މުހައްމަދު ޝަހުޒާނަށް އިއްވީ 15 ދުވަހުގެ ހުކުމެކެވެ. އޭނާ ބުދަ ދުވަހު މިނިވަން ވާނެ އެވެ. 

ނޫސްވެރިން މިނިވަންކުރުމަށް ގޮވާލައި އަދި ސަރުކާރާ ދެކޮޅަށް ކޮންމެ ރެޔަކުހެން މިހާރު ވެސް ދަނީ މާލެ ތެރޭގައި މުޒާހަރާކުރަމުންނެވެ. މި މުޒާހަރާތަކުން މީހުން ހައްޔަރުކޮށް ބައެއް އެހެން މީހުންގެ ބަންދަށް މުއްދަތު އިތުރު ވެސް ކޮށްފައިވެ އެވެ.