އެމްޑީޕީގެ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ އެ ޕާޓީގެ އެކްޓިވިސްޓު މުހައްމަދު ޝާމިން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން ޝާމިން، 41، ހައްޔަރުކުރީ އެމްޑީޕީން މިދިޔަ މަހުގެ 28 ގައި ބޭއްވި މުޒާހަރާގައި އެއްވުމުގައި ހަމަނުޖެހުން ހިންގައި، ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއަޅައި، ޗާންދަނީ މަގާއި ދީދީގޯޅި ގުޅޭ ކަންމަތީގައި މަގު ބަންދުކުރަން ފުލުހުން ޖަހާފައި ހުރި ބެރިކޭޑު ހުރަސްކޮށް، ބަންދު ކޮށްފައިވާ ސަރަހައްދުގެ ތެރެއަށް ވަދެފައިވާ މައްސަލައާ ގުޅިގެންނެވެ.
ޓެކްސީ ޑްރައިވަރަކަށް މަސައްކަތްކުރާ ޝާމިން ހައްޔަރުކުރީ ދަތުރެއްގައި އެއާޕޯޓަށް ދިޔަ ފަހުންނެވެ.
އެ މައްސަލައިގެ ހެއްކަކަށް އޮތީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި ސީސީޓީވީ ފުޓޭޖު ސްނެޕްޝޮޓު އަދި ސީނަށް ދިޔަ ފުލުހުންގެ ބަޔާނެކެވެ.
ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރުމާއި ބޭންކަށް ރިސޯޓުތަކުން ޑޮލަރު މާރުކުރަންޖެހޭ އަދަދު 40 ޕަސެންޓަށް އިތުރުކުރުމާ ދެކޮޅަށް އެމްޑީޕީން މިހާރު ވަނީ ސިލްސިލާ މުޒާހަރާއެއް ފަށައިފަ އެވެ.
އެ މުޒާހަރާއާ ގުޅިގެން އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރަކު ވެސް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުުރުކުރި އެވެ. އެ މުއްދަތު ހަމަވުމުން، ޝަރުތުތަކާއެކު އޭނާ ވަނީ އިއްޔެ ދޫކޮށްލައިފަ އެވެ.