ތެލެސީމިއާގެ ހަތަރު ކުއްޖަކު މި އަހަރުގެ މިހާތަނަށް އުފަންވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ބްލަޑް ސާވިސްގެ ހިންގުމާ މިދިޔަ އަހަރުގެ ޖުލައި މަހު ހަވާލުވި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް، ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ހިތާބުގައި ވިދާޅުވީ މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ތެލެސީމިއާގެ ހަތަރު ކުދިން އުފަންވުމަކީ ވަރަށް ފުންކޮށް ވިސްނާލަންޖެހޭ ކަމެއް ކަމަށެވެ.
އެކަމާ ގުޅިގެން ހޭލުންތެރިކަން އިތުރުކޮށް ދުރާލައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ބާރުއެޅުމާއި ކައުންސިލިންގެ ހިދުމަތްތައް އިތުރުކުރުމަކީ އެ ގްރޫޕުގެ މައިގަނޑު އެއް ލަނޑުދަނޑި ކަމަށް އޭނާ ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ ކައިވެނީގެ ކުރިން ދޭ ކައުންސިލިން ހިމެނޭ ގޮތަށް ތެލެސީމިއާ ކޮންޓްރޯލްކުރަން ބޭނުންވާ މުހިއްމު މައުލޫމާތާއި އިރުޝާދު ފޯރުކޮށްދިނުމުގެ ހާއްސަ ނިޒާމެއް މި އަހަރުގެ ތެރޭގައި ތައާރަފްކުރާނެ ކަމަށެވެ.
"މިއީ މުޅި މުޖުތަމައު ހޭލުންތެރިވާންޖެހޭ ވަރަށް މުހިއްމު ކަމެއް. މި ކުދިން ތަހައްމަލު ކުރަމުންދާ ދަތިތަކުން މުސްތަގުބަލުގެ ޖީލުތައް ސަލާމަތްކުރުމަށްޓަކައި ކައިވެނީގެ ކުރިން ޓެސްޓުކުރުމާއި ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ފުރިހަމަ އަށް ބޯލެނބުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް. މި ކަމުގައި މުޅި މުޖުތަމައު ގުޅިގެން މަސައްކަތްކުރުމަށް އަޅުގަނޑު އިލްތިމާސްކުރަން." ހިތާބުގައި ވެ އެވެ.
ބްލަޑް ސާވިސް އިން މިދިޔަ ޖެނުއަރީ މަހު ހިއްސާކުރި މައުލޫމާތުތައް ދައްކާ ގޮތުން، އެ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ތެލެސީމިއާގެ އެކްޓިވް ކޭސްގެ ގޮތުގައި ރަޖިސްޓްރީވެފައި ތިބީ 650 މީހުންނެވެ. އަދި މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އެ ލިސްޓުގައި އަލަށް 40 ކުއްޖަކު ހިމެނިފައިވާ ކަމަށް، އޭރު ހިއްސާކުރި މައުލޫމާތުތަކުން ދައްކަ އެވެ.
އެހެންވެ، އެ ހާލަތު މަދުކުރަން ދެ ކެރިއަރުން ކައިވެނިކުރުން ހުއްޓުވުމުގެ ބަހުސް އާއްމުން ސޯޝަލް މީޑިއާގައި ދޭތެރެ ދޭތެރެއިން ކުރެ އެވެ.
ހަލީމް ވިދާޅުވީ ލޭ ހަދިޔާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް މި އަހަރުގެ ތެރޭގައި ތައާރަފްކުރާނެ ކަމަށާއި އޭގެ ސަބަބުން ލޭ ހޯދަން ބޭނުންވާ މީހުންނާއި ލޭ ހަދިޔާކުރާ މީހުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެ ކަމަށެވެ.
ހިދުމަތްތައް ޒަމާނީކޮށް ޑިޖިޓަލްކުރުމުގެ ތެރެއިން'ވަންގަވް' ޕޯޓަލް މެދުވެރިކޮށް ތެލަސީމިއާ ކުދިންގެ ރަޖިސްޓްރީ ބެލެހެއްޓޭނެ ނިޒާމު މިހާރު ވަނީ ގާއިމްކޮށްފަ އެވެ. އޭގެ އިތުރުން؛
- އެންޑޮކްރޮނޮލޮޖީގެ ހިދުމަތް މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ ފަށާފައި.
- ހެމަޓޮލޮޖީގެ ހިދުމަތާއި އެޗްއެލްއޭ ޓައިޕިން އަދި ބޯންމެރޯ ޓްރާންސްޕްލާންޓާ ގުޅޭ ހާއްސަ ޓެސްޓުތަކުގެ ހިދުމަތް، ވިޒިޓިން ޑޮކްޓަރުންގެ އެހީތެރިކަމާއެކު މިދިޔަ އަހަރުގެ އޮގަސްޓް މަހު ފަށާފައިވޭ.
- ތެލެސީމިއާ ކުދިންގެ ހަށިގަނޑުގައި ދަގަނޑުގެ ބައިތައް ޖަމާވާ މިންވަރު ދެނެގަތުމަށް ހުޅުމާލެ ހޮސްޕިޓަލުން އެމްއާރްއައި ޓީޓޫ ސްޓާގެ ހިދުމަތް ވަނީ ފަށާފައި.
- އައިޖީއެމްއެޗްގެ އެހީތެރިކަމާއެކު ލޭގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކު އަންނަ މަހުން ފެށިގެން ހިދުމަތް ދޭން ފަށާނެ.
- ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަދާ "ގޯލްޑް ސްޓޭންޑަޑް" ތަހުލީލެއް ކަމަށްވާ ނެޓް ޓެސްޓިންގެ ހިދުމަތް އަންނަ ޖުލައި މަސް ނިމުމުގެ ކުރިން ފަށާނެ.
- ލިވާ ފައިބްރޯސިސް ދެނެގަތުމަށް ހަދާ ސްކޭންގެ ހިދުމަތް ތެލެސީމިއާ ސެންޓަރުގައި މި އަހަރު ފަށާނެ.
ހަލީމް ވިދާޅުވި ގޮތުގައި ތެލެސީމިއާ ކުދިންނަށް އުފާވެރި އަދި އަބުރުވެރި ދިރިއުޅުމެއް ކަށަވަރުކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އަދި ތެލެސީމިއާ އަށް ހާއްސަ ހޮސްޕިޓަލެއް ބިނާކުރުމާއ ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުން އަދި އެ ކުދިންނަށް އެލަވަންސް ދޭން ފެށުމަކީ މިކަން ދޭ ސަމާލުކަން ހާމަވާ ކަމެއް ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.