ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބަދަލުގައި އެ މީހުންގެ ބެލެނިވެރިންނަށް ފްލެޓަށް ކުރިމަތިލެވޭ ގޮތަށް "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" އަށް އިސްލާހު ގެނެސްފި އެވެ. 

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބަދަލުގައި ބެލެނިވެރި ފަރާތުން ފްލެޓަށް އެދި ހުށަހަޅަން ހުޅުވާލާފައިވާ ކަމަށެވެ. 

އެންސްޕާގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރިޔާގެ ފަރާތުން ފްލެޓަށް އެދި ހުށަހަޅަން ހުޅުވާލާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 15 ޖޫންއާ ހަމައަށެވެ. 

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާއްސަ ކެޓަގަރީ އިސްލާހުކޮށްފައިވާއިރު މި ފަހުން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުން މާލޭގައި އުޅުނު ކަމަށް ބުނާ މުއްދަތު ކުޑަކޮށްދީފަ އެެވެ. 

ބޯހިޔާވަހިކަން ހޯދަން މި ފަހަރު ކަނޑައެޅި އާއްމު ޝަރުތަކީ މާލެ ސަރަހައްދުގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުން ނަމަވެސް މާލޭގައި މެދުނުކެނޑި ފަސް އަހަރު ދިރިއުޅެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުލެޓަށް ހުށަހެޅޭ ގޮތަށް ބަދަލު ގެނައުމެވެ. އަދި އެ މީހެއްގެ ނުކުޅެދުންތެރިކަމަކަށް މާލެއިން ހިދުމަތް ހޯދަން ދަތުރުކުރަން ޖެހުމާއި ހިދުމަތް ހޯދުމަށްޓަކައި މާލެއަށް ބަދަލުވެފައިވާ މީހުންނަށް ވެސް ފޯމު ހުށަހެޅޭނެ އެވެ. 

މިހާރު ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން 7،900 ފްލެޓާއި 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރާނެ އެވެ.