ހިކުމަތްތެރިކަމާއެކު ކަންކަން ދަސްކޮށްދީ ހެޔޮ ނަމޫނާ ދެއްކުމަކީ ކުއްޖެއްގެ މުސްތަގުބަލަށްޓަކައި ކުރެވޭ އެންމެ އަގުބޮޑު އިންވެސްޓްމަންޓް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ގުޅުވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ކުއްޖަކު ހެދިބޮޑުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ އެ ކުއްޖަކު އުޅޭ މާހައުލުން ކަމަށެވެ.

ހިތްހަމަޖެހުމާއި ތަރުހީބާއި އަދި ރައްކާތެރިކަން ލިބޭ ހިތްފަސޭހަ މާހައުލެއްގައި ބޮޑުވާ ކުއްޖަކީ ދިރިއުޅުމުގެ ގޮންޖެހުންތަކަށް ކުރިމަތިލާން ކެރޭ، ހިކުމަތްތެރި މީހަކަށް ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޒިންމާއަކީ އެ ކުދިންގެ ސިކުނޑިތައް އިލްމުން މުއްސަނދިކުރުމުގެ އިތުރުން، އެ ކުދިންގެ ހިތްތައް ހިތްހަމަޖެހުމާއި އަމާންކަމުން ފުރާލަދިނުމެވެ. ހިކުމަތްތެރިކަމާ އެކު ކަންކަން ދަސްކޮށްދީ ހެޔޮ ނަމޫނާ ދެއްކުމަކީ ކުއްޖާގެ މުސްތަގުބަލަށްޓަކައި ކުރެވޭ އެންމެ އަގު ބޮޑު އިންވެސްޓްމަންޓެވެ." އިސްމާއިލް ލިޔުއްވާފައިވެ އެވެ.

 ކޮންމެ ކުއްޖަކީވެސް މުޖުތަމައުގައި އަގުވަޒަންކުރެވޭ، ރައްކާތެރިކަން ލިބިގެންވާ، އަދި އުފާވެރިކަމާ އެކު ހެދިބޮޑުވާ ކުއްޖަކަށް ހެދުމަށް މިއަދު އަޒުމު އާކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.  މިއަދު އެ ކުދިންނަށް ދައްކާ ނަމޫނާއަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި "މާދަމާގެ ދިވެހި ގައުމުގެ އުޖާލާ ތަަސްވީރު" އެވެ.

ކުޑަކުދިންގެ ދުވަހަކީ ހަމައެކަނި އުފާފާޅުކުރަންޖެހޭ ދުވަހެއް ނޫން ކަމަށާއި  މިއީ މާތްﷲ ހަވާލުކުރެއްވި އެންމެ މާތް އަމާނާތް ކަމަށްވާ، ލޯބިވާ ދަރިންގެ ހައްގުތަކާއި އެ ކުދިންގެ ހުވަފެންތަކާ މެދު ފުންކޮށް ވިސްނާލަންޖެހޭ ދުވަހެއް ކަމަށް ވެސް، ދުވަހުގެ ތަހުނިޔާއާ އެކު މިނިސްޓަރު ވިދާޅުވި އެވެ.