އއ. ރަސްދޫގައި މިދިޔަ ހުކުރު ދުވަހު ހިނގި މާރާމާރީގައި އަނިޔާ ލިބުނު މީހާއަށް ލިބުނު ޒަހަމްތައް ފެނި، ހޭނެތުނު އޭނާގެ މަންމަ މިއަދު ނިޔާވެއްޖެ އެވެ.
އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ 69 އަހަރުގެ އެ އަންހެން މީހާ ވެއްޓުނީ، ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި، ދަރިފުޅަށް ލިބިފައި ހުރި ޒަހަމްތަކުން ފޭބި ލޭތައް ފެނިގެން މަގުމައްޗަށް ކަމަށެވެ.
އެ ވަގުތު އެ މީހާއަށް ފަރުވާ ދިނުމަށް އެ ރަށުގައި ހުންނަ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އަދި އިތުރު ފަރުވާއަށް ހަމަ އެ ދުވަހު މާލެ ގެނަ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވަނީ، ހާޓްއެޓޭކެއް ޖެހިގެން ރަސްދޫއިން މިދިޔަ ހުކުރު ދުވަހު އެ ހޮސްޕިޓަލަށް ގެންދިޔަ މީހާ، ހެނދުނު 8:39 ގައި ނިޔާވެފައިވާކަން ކަށަވަރުކޮށްދެއްވައިފަ އެވެ.
ނިޔާވި އަންހެން މީހާގެ ދަރިފުޅަށް އަނިޔާވީ ރަސްދޫގައި ގެސްޓްހައުސް ހިންގާ ޗައިނާ މީހަކާ ހިނގި މާރާމާރީއެއްގަ އެވެ. ހަމަލާތަކުގައި މޫނާއި ހަށިގަނޑުގެ އެކި ތަންތަން ވަނީ ޒަހަމްވެފަ އެވެ.
އަނިޔާވި ފިރިހެން މީހާ އޭނާގެ މަންމައާ އެކު ފަރުވާއަށް މާލެ ގެނަ އެވެ. ފަރުވާ ދިނުމަށް ފަހު އޭނާ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.