ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދަން ބޭނުންވާ ފެސިލިޓީ ގާއިމްކުރަން، ހުޅުމާލެ ސަހަރާ ހުރި ބިމުން އައިޖީއެމްއެޗަށް ޖާގަ ހަމަޖައްސައިފި އެވެ.
މާލެ ސިޓީ ގްރޫޕު އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް، "މިހާރު"އަށް އިއްޔެ ދެއްވި އިންޓަވިއުގައި ވިދާޅުވީ މަރުގެ އެކި ތަހުގީގުތަކަށް ބޭނުންވާ ޕޯސްޓްމޯޓަމް ފުލުހުން ހަދާނީ ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީ އަދި އައިޖީއެމްއެޗާ ގުޅިގެން ކަމަށެވެ.
އެކަމަށް، ހުޅުމާލެ ސަހަރާ ހުރި ބިމުން ޖާގަ ހަމަޖެއްސިކަން އެޗްޑީސީން އަންގާފައިވާ ކަމަށް ހަލީމް ވިދާޅުވި އެވެ.
ޕޯސްޓްމޯޓަމް ހެދުމަކީ މެޑިކަލް ސްޕެޝަލިޓީ، ޕެތޮލޮޖިސްޓުންގެ ޒިންމާއެކެވެ. އެ ދާއިރާއިން ހާއްސަ ޑޮކްޓަރަކަށް މިހާރު ހުންނެވީ، ޕޮލިސްގެ ފޮރެންސިކްގައި މަސައްކަތްކުރައްވާ ޑރ. ހަސަން އުމަރު އެކަންޏެވެ.
ހަލީމް ވިދާޅުވީ ޕޯސްޓްމޯޓަމް ސެންޓަރު ހަދާނީ ސްކޭންތައް ވެސް ހަދަން ބޭނުންވާ ވަސީލަތްތަކާއެކުގަ އެވެ.
"މި ސެންޓާ ގާއިމްކުރަން ކުރަންޖެހޭ ކުރެހުމާއި މި ހުރިހާ ކަމެއް ގާތްގަނޑަކަށް ނިމިއްޖެ. މިތަން ހަދަނީ ހަމައެކަނި ޕޯސްޓްމޯޓަމްއަށް އެކަނި ފޯކަސްކޮށްގެންނެއް ނޫން...މަރުވާ މީހަކު ތަހުގީގުކުރަންޖެހޭއިރު ކުރަންޖެހޭ، ބޭނުންވާ ހުރިހާ ވަސީލަތްތަކާއެކު. ހަމައެކަނި މީހަކު ފަޅާލާކަށް ނޫން. އޭގެ ކުރިން ހަދަންޖެހޭ ސީޓީއާ، މި ހުރިހާ ސްކޭނެއް ވެސް އެ ތަނުގައި ކުރެވޭގޮތަށް،" ހަލީމް ވިދާޅުވި އެވެ.
"މަރުވާ ކޮންމެ މީހަކީ ޕޯސްޓްމޯޓަމް ނުވަތަ އޮޓޮޕްސީ ހަދަންޖެހޭ ކޮންމެ މީހަކީ އެންމެ ހެޔޮ ގޮތުގައި ހުންނަ މީހަކަށް ވެސް ނުވެދާނެ. އެކި ފަހަރު އެކި ހާލަތްތަކުގައި. ފިހިގެން މަރުވެގެން އަންނަ މީހުން އެބައުޅޭ...އެކަހަލަ ހާލަތްތަކުގައި ވެސް ހޮސްޕިޓަލްގެ ތެރެއަށް ނުގެނެސް އެ ތަނުން ހަދަންޖެހޭ ސްކޭނަކާއި ޑައިގްނޯސްޓިކެއް ހެދިގެން މަރުގެ ސަބަބު ދެނެގަނެވޭނެ ގޮތަކަށް ފަޅާލައިގެން ކުރަންޖެހޭ ކަންކަން ވެސް ކުރުމަށްޓަކައި އެ ބޭނުންވާ ވަސީލަތްތައް ގާއިމްކުރަމުން މި ދަނީ،"
އެ ހިދުމަތް ރާއްޖެއިން ނުލިބޭތީ އޮޓޮޕްސީ ހެދުމަށް ހަށިގަނޑު މިހާރު ފޮނުވަން ޖެހެނީ ބޭރަށެވެ.
ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހު ބޭއްވި ޖަލްސާއެއްގައި ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވީ އޮޓޮޕްސީ ހެދުމަށް ފާއިތުވި 10 އަހަރުގެ ތެރޭގައި 23 މީހެއްގެ ހަށިގަނޑު ރާއްޖެއިން ބޭރށް ފޮނުވާލާފައިވާ ކަމަށެވެ. އެ ކޮންމެ ޕްރޮސީޖާއަކަށް މަދުވެގެން 55،000ރ. ހަރަދުވެ އެވެ.
އެ ރޭޓުން ބަލާނަމަ އެއީ 1.2 މިލިއަން ރުފިޔާ އެވެ.