"އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފު ކުރުމުގެ ދައުވާގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ތާވަލުކޮށްފި އެވެ. 

ކްރިމިނަލް ކޯޓުން ފިޔާޒާއި ހަސަންއަށް ފޮނުވާފައިވާ ޗިޓްގައިވާ ގޮތުން މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން މާދަމާ މެންދުރުފަހު 1:00 ގައި އޮންނާނެ އެވެ.

އެ ކޯޓުން ވަނީ މި މައްސަލައިގެ ޝަރީއަތްތައް ސިއްރު ކޮށްގެން ކުރިއަށް ގެންދަން ނިންމައިފަ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ފަރާތުން ދެ ނޫސްވެރިންގެ މައްޗަށް ދައުވާކޮށް ކޯޓަށް ފޮނުވީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ މައްސަލައިގެ ތަހުގީގަށް ފުލުހުން ވެސް ހޭދަކުރީ ވަރަށް ކުރު މުއްދަތެކެވެ. 

ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާ އުފުލައި، ޝަރީއަތް ހިނގާއިރު ވަކި ގޮތަކަށް އަމަލު ކުރަން އަންގާ އަމުރަކަށް ދައުލަތުން އެދިފައިވެ އެވެ. އެ އަމުރު ވެސް ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު މިއަދު ވަނީ ނެރުއްވައިފަ އެވެ. 

  • އާންމުކޮށް އެންމެންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި އަންގާފައިވާ ކަންކަން: 
  • "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށް. 
  • ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުން.
  • ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުން.
  • މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި މައުލޫމާތުތައް ނުފެތުރުން.  

މިއިން ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށް ވެސް އަމުރުގައި ބަޔާންކޮށްފައިވެ އެވެ. އެ އަމުރާ ހިލާފުވި ކަމަށް ބެލެވޭ ކަމަށް ބުނެ އަދަދު ނޫހުގެ ދެ ނޫސްވެރިއަކު މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރެ އެވެ. 

ގަޒުފުގެ ތުހުމަތުގައި ފިޔާޒާއި ހަސަން ވެސް ފުލުހަށް ހާޒިރުކޮށްފައިވެ އެވެ. ނަމަވެސް، އެ ދެ ބޭފުޅުން ވެސް ތަހުގީގު މަރުހަލާގައި ހިޔާރު ކުރެއްވީ ހަނު ތިއްބެވުމަށެވެ. އޭގެ ސަބަބެއް ކަމަށް ވިދާޅުވީ ނޫސްވެރިން މަސްދަރު ހިމާޔަތް ކުރުމަކީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް ކަމަށް ވުމެވެ. ނޫސްވެރިންގެ ގޮތުގައި ތިބެ، މަސްދަރު ހާމަ ނުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. 

ކްރިމިނަލް ކޯޓުން ވަނީ އަދަދުގެ މައްޗަށް ތަހުގީގު މަރުހަލާގައި ވެސް އަމުރެއް ނެރެފަ އެވެ. އެ އަމުރުގައި އަންގާފައިވަނީ ފުލުހުން ހިފަހައްޓާފައިވާ ލެޕްޓޮޕްތަކާއި ހާޑްތަކާއި ޕެން ޑްރައިވްތަކާއި ކްލައުޑް ސްޓޯރޭޖްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ޕާސްކޯޑްދީ، އެ ޑިވައިސްތަކުގައި ހުރި ޑޭޓާތަކަށް އެކްސެސް ވެވޭނެ ގޮތް ހެދުމަށެވެ. ނަމަވެސް، އަދަދުގެ ސީއީއޯ ފިޔާޒު ވަނީ އެގޮތަށް އަމަލު ކުރަން ދެކޮޅު ހައްދަވައިފަ އެވެ.