"އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފު ކުރުމުގެ ދައުވާ އަނބުރާ ގެންދަން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ގޮވާލައިފި އެވެ. 

އެ ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެ ދެ ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި، ކްރިމިނަލް ކޯޓަށް ފޮނުވީ އިއްޔެ އެވެ.

އެ ކޯޓުން ވަނީ މައްސަލައިގެ ޝަރީއަތް ސިއްރު ކޮށްގެން ކުރިއަށް ގެންދަން ނިންމައި، އެ މައްސަލަ އާއި ޑޮކިއުމެންޓްރީއާ ގުޅޭ ވާހަކަތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދައްކަން އަމުރުކޮށްފަ އެވެ. 

އެކަން ކުށްވެރިކޮށް އެމްޖޭއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ނޫސް އިދާރާތަކާއި ނޫސްވެރިންގެ މައްޗަށް ޖިނާއީ ތުހުމަތުތައް ކުރުމާއި ޖިނާއީ ތަހުގީގުތައް ހިންގައި އަދި އެ މީހުންގެ މައްޗަށް ދައުވާތައް އުފުލުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"މިފަދަ ދައުވާތައް ނޫސްވެރިންގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އުފުލި އުފުލުން މި ޖަމްއިއްޔާ އިން ކުށްވެރިކޮށް މި ދައުވާތައް ވަގުތުން އަނބުރާ ގެނައުމަށް ޕްރޮސިކިއުޓާ ޖެނެރަލަށް މި ޖަމްއިއްޔާއިން ގޮވާލަމެވެ. މިއީ ދައުލަތުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނޫސްތަކާއި ނޫސްވެރިންނާއި އެ މީހުންގެ މަސައްކަތްތަކަށް ބިރު ދައްކައި ފަހަތަށް ޖެއްސުމަށް ހިންގޭ އަމަލުތަކެއް ކަމުގައި މި ޖަމްއިއްޔާއިން ދެކެމެވެ،" ބަޔާނުގައި ބުންޏެވެ. 

އެމްޖޭއޭ އިން ބުނި ގޮތުގައި، ނޫސްވެރިންނާއި ނޫސް އިދާރާތަކުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލްގެ ސީދާ އަމުރަށް ޖިނާއީ ތަހުގީގުތައް ހިންގައި ދައުވާތައް އުފުލުމަކީ ނުބައި ބިރުވެރި ސަގާފަތެއްގެ ފެށުމެކެވެ. މިއީ އެތައް ބައެއްގެ ގުރުބާނީން ރާއްޖެ އިން ހޯދާފައިވާ ޑިމޮކްރެޓިކް ހަމަތަކާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެތައް ތަނެއް ފަހަތަށް ގޮސް ހުދުމުހުތާރު ކަމަށް ރާއްޖެ ސޮއްސާލައިގެން ދާނެ ކަމެއް ކަމަށް ވެސް ނޫސްވެރިންގެ ޖަމިއްޔާ އިން ބުންޏެވެ. 

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ނުވަތަ ގެގް އޯޑަރަކީ ރާއްޖޭގެ ގާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ އާންމު ރައްޔިތުންގެ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަނެވޭނޭ ގޮތަށް ނެރެފައިވާ އަމުރެއް ކަމަށް ވެސް އެމްޖޭއޭ އިން ބުންޏެވެ. 

އެ ޖަމިއްޔާ އިން ބުނީ ނޫސްވެރިކަމާ ގުޅުން ހުރި ބޭރުގެ ޖަމްއިއްޔާތަކުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުވި ސިޓީގައި ގޮވާލާފައިވާ ގޮތަށް ރައީސަށާއި ދައުލަތުގެ އެންމެހާ ބާރުތަކަށް ގޮވާލަނީ ޑިމޮކްރަސީގެ ހަމަތަކަށް އަނބުރާ ރުޖޫއަވެ، ގާނޫނުއަސާސީން ލިބިދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ގާނޫނުއަސާސީން ތަސައްވަރުކޮށްފައިވާ އެންމެ ފުޅާދާއިރާއަކަށް ކަށަވަރުކޮށްދިނުމަށް ކަމަށެވެ. 

އާންމުކޮށް އެންމެންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި އަންގާފައިވާ ކަންކަން: 

- "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށް. 

- ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުން.

- ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުން.

- މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި މައުލޫމާތުތައް ނުފެތުރުން.  

މިއިން ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށް ވެސް އަމުރުގައި ބަޔާންކޮށްފައިވެ އެވެ. 

ގަޒުފުގެ ތުހުމަތުގައި ފިޔާޒާއި ހަސަން ވެސް ފުލުހަށް ހާޒިރުކޮށްފައިވެ އެވެ. ނަމަވެސް، އެ ދެ ބޭފުޅުން ވެސް ތަހުގީގު މަރުހަލާގައި ހިޔާރު ކުރެއްވީ ހަނު ތިއްބެވުމަށެވެ. އޭގެ ސަބަބެއް ކަމަށް ވިދާޅުވީ ނޫސްވެރިން މަސްދަރު ހިމާޔަތް ކުރުމަކީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް ކަމަށާއި ނޫސްވެރިއެއްގެ ގޮތުގައި ހުރެ، މަސްދަރު ހާމަ ނުކުރާނެ ކަމަށެވެ. 

ކްރިމިނަލް ކޯޓުން ވަނީ އަދަދުގެ މައްޗަށް ތަހުގީގު މަރުހަލާގައި ވެސް އަމުރެއް ނެރެފަ އެވެ. އެ އަމުރުގައި އަންގާފައިވަނީ ފުލުހުން ހިފަހައްޓާފައިވާ ލެޕްޓޮޕްތަކާއި ހާޑްތަކާއި ޕެން ޑްރައިވްތަކާއި ކްލައުޑް ސްޓޯރޭޖްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ޕާސްކޯޑްދީ، އެ ޑިވައިސްތަކުގައި ހުރި ޑޭޓާތަކަށް އެކްސެސް ވެވޭނެ ގޮތް ހެދުމަށެވެ. ނަމަވެސް، އަދަދުގެ ސީއީއޯ ފިޔާޒު ވަނީ އެގޮތަށް އަމަލު ކުރަން ދެކޮޅު ހައްދަވައިފަ އެވެ.