ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 15 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެ އިދާރާއިން ތަހުގީގު ކުރި، ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 15 އަހަރު ދުވަހުގެ މުއްދަތަށް އޭނާ ޖަލަށް ލުމަށް ހުކުމްކުރީ މިދިޔަ މަހު 30 ގައި ކަމަށެވެ.
އެ ކުށް ސާބިތުވީ ގއ. ކަނޑުހުޅުދޫ، މުރަކަ، ޝަރަފުﷲ އިސްމާއީލް، 43، ގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުވާކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.
ފުލުހުން ބުނީ އޭނާގެ މައްޗަށް މި ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ މި މައްސަލައިގައި ހުށަހެޅި ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށް ފަހުގައި ކަމަށެވެ.
ފުލުހުން ބުނީ މި ހުކުމަކީ، ރާއްޖެއަކީ ކުށް މަދު، އަމާން މުޖުތަމައެއް ގާއިމްކުރެވިފައިވާ ތަނަކަށް ހެދުމަށް ފުލުހުން ހުއްޓުމެއް ނެތި ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާއަށް އިތުރުވި ބޮޅެއް ކަމަށެވެ.