މިދިޔަ އާދީއްތަދުވަހުގެ ރޭ ދަންވަރު ސޯސަންމަގުގައި ދެ ސައިކަލް ޖެހި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު އެކްސިޑެންޓްގައި ނުރައްކާތެރިކޮށް ސައިކަލް ދުއްވި މީހާ އަކީ ލައިސަންސް ނެތި ދުއްވައިގެން މި އަހަރު ވެސް ހަތަރު ފަހަރަށް ހިފަހައްޓައި ޖޫރިމަނާކޮށްފައިވާ މީހެއް ކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.  

ނުރައްކާކޮށް ސައިކަލް ދުއްވި މާހު ހަސަން، 21، ތ. ދިޔަމިގިލި، އައްސޭރި ހައްޔަރުކޮށް 15 ދުވަހަށް ވަނީ ބަންދުކޮށްފަ އެވެ.

މާހު 15 ދުވަހަށް ބަންދުކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުން އެނގޭ ގޮތުގައި، އެކްސިޑެންޓުވީ ބާރު ސްޕީޑްގައި، ޒިގްޒެގްކޮށް ނުރައްކާތެރިކޮށް ދުއްވަނިކޮށް އަނެއް ސައިކަލްގައި ޖެހިގެންނެވެ. އެ ސައިކަލްގައި ތިބި ދެ މީހުންގެ ސިކުނޑިއަށް ވެސް ގެއްލުންވެ ހާލަތު ނާޒުކު ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވާކަން ވެސް އަމުރުން އެނގެ އެވެ.

މި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވި އިރު އޭގެ ތެރޭގައި ހިމެނޭ އަންހެން މީހާގެ ހާލު ވަރަށް ސީރިއަސް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

އެކްސިޑެންޓުގައި ހާލު ސީރިއަސްވެފައިވަނީ 26 އަހަރުގެ އަންހެނެއްގެ އެވެ. އަދި 22 އަހަރުންގެ ފިރިހެނަކަށް ވެސް އަނިޔާވެފައި ވާއިރު މާހު ވަނީ މި އެކްސިޑެންޓުގައި އޭނާއަށް ވެސް އަނިޔާވެފައިވާ ކަމަށާއި ބަންދަށް ލުޔެއް ދިނުމަށް އެދޭ ކަމަށް ބުނެފަ އެވެ. 

އެކަމަކު އޭނާ ވަނީ ވަކީލެއްގެ ފުރުސަތު ބޭނުން ނުވާ ކަމަށް ބުނެފަ އެވެ. އެހެންވެ ގާޒީ އިބްރާހިމް ޒިހުނީ ވަނީ، ވަކީލަކު ނެތި ދައްކާ ވާހަކަ އަކީ މާހުއާ ދެކޮޅަށް ބޭނުންކުރެވިދާނެ ވާހަކަތައް ކަމަށާއި ހަނުހުރުމުގެ ހައްގު ވެސް އެބަ އޮތްކަން ހަނދާންކޮށްދެއްވައިފަ އެވެ. 

އެކްސިޑެންޓުވި އަންހެން މީހާގެ މޫނުގެ ކަށިތަކަށް ވަނީ ބޮޑަށް ގެއްލުންވެފައި ކަމަށާއި ބޮލުގެ އޮޕަރޭޝަނެއް ވެސް ކުރި ކަމަށް ވަނީ އެނގިފަ އެވެ. 

އަލަށް އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައިވާ ގޮތުން، ނުރައްކާތެރިކޮށް ނުވަތަ ފަރުވާ ކުޑަކޮށް ދުއްވުމުގެ ކުށުގެ އަދަބަކީ އެ ކުށުގެ އަމަލުގެ ކުޑަބޮޑުމިނަށް ބަލައި 25،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. 

އެ ގާނޫނުގައިވާ ގޮތުން، އެފަދަ ކުށެއްގެ ނަތީޖާއެއްގެ ގޮތުން މީހަަކަށް އަނިޔާއެއް ވެއްޖެ ނަމަ ކުށްކުރި މީހާ ޖޫރިމަނާކުރާނީ 100،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދަކުންނެވެ. 

އެފަދަ ކުށެއް ކުރާ މީހަކު އެއްގަމު ދަތުރުފަތުރުގެ ގާނޫނުން ޖޫރިމަނާ ކުރިޔަސް، ގާނޫނުލް އުގޫބާތުގެ ދަށުން އެ މީހައަށް ޖިނާއީ ދައުވާ ވެސް ކުރެވޭނެ އެވެ. 

އެއްގަމު ދަތުރުފަތުރުގެ ގާނޫނުން ވެސް އެފަދަ މީހުންނަށް ދެވޭނީ ހަމައެކަނި ޖޫރިމަނާ ކުރުމުގެ އަދަބެއް ނޫނެވެ. އެ ގާނޫނުގެ 102 ވަނަ މާއްދާގެ (ބ)ގައިވާ ގޮތުން އެފަދަ މީހުންގެ ލައިސަންސް ފަސް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ބާތިލުކުރެވޭނެ އެވެ. ޝަރީއަތުން ކަނޑައަޅާނީ ލައިސަންސެއް އޮތުމުގެ ހައްގު އެ މީހުންނަށް އެ މުއްދަތަށް ގެއްލިފައިވާ ކަމަށެވެ.

ލައިސަންސް ނެތި އެ ކުށް ކުރާ މީހާއަށް ލައިސަންސް ނެގުމުގެ ހައްގު އެ މުއްދަތަށް ގެއްލޭނެ އެވެ. 

ލައިސަންސް ބާތިލުކުރާ ނުވަތަ ލައިސަންސް ނެގުމުން މަހުރޫމްކުރާ މުއްދަތު ހަމަ ވުމަށް ފަހުގައި ވެސް އެ މީހުންނަށް ލައިސަންސް ދޭނީ ވަކި ޝަރުތުތަކެއް ހަމަކުރުމުގެ އިތުުރުން، ކަމާ ބެހޭ އިދާރާއިން ހިންގާ އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ފަހު އެވެ.