ސިނަމާލޭ ބްރިޖު ހައިވޭގައި ރޭ ހިނގި އެކްސިޑެންޓުގައި މަރުވީ އިންޑިއާ މީހެއް ކަމަށް ފުލުހުން ބުނެފި އެވެ. 

އެ އެކްސިޑެންޓުގައި މަރުވީ ދެވާ ރަޖަން ޔެސޫ ދަސަން ކިޔާ ފިރިހެނެކެވެ. 

ރޭ 10:12 ހާއިރު އެ އެކްސިޑެންޓު ހިނގީ ހުޅުމާލެއިން މާލެއަށް އަންނަނިކޮށް ހައިވޭގެ ޓްރެފިކް ލައިޓު ކައިރިން ސައިކަލު ކަހާލައިގެން ވެއްޓުނު ވަގުތު އެމްޑަބްލިއުއެސްސީގެ ފެން ލޮރީއެއްގެ ދަށުވެގެންނެވެ. 

އެ ހާދިސާގައި އޭނާގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް އޮތީ ޗަސްވެފަ އެވެ. 

އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ އެކްސިޑެންޓަށް ފަހު އެމްބިއުލާންސް އެތަނަށް އަންނަން ދެން އޭނާގެ ގައިމަތީގައި އޮތީ ފޮތިގަނޑެއް އަޅައި ނިވާކޮށްފަ އެވެ. އެހެންވެ ބެލެވޭ ގޮތުގައި، އެކްސިޑެންޓު ހިނގުމާ އެކު އޭނާ ވަނީ މަރުވެފަ އެވެ.

ފުލުހުން ބުނީ އެ ހާދިސާގައި މަރުވީ އުމުރުން 50 އަހަރުގެ އިންޑިއާ މީހެއް ކަމަށެވެ. 

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެއީ އައިލެންޑް އޭވިއޭޝަންގެ ޑްރައިވަރެއްގެ ވަޒީފާގައި އުޅޭ މީހެކެވެ. އެތަނުގައި އޭނާ މަސައްކަތްކުރާތާ 10 ވަރަކަށް އަހަރުވެފައިވާ ކަމަށް ބައެއް މީހުން ބުންޏެވެ. 

އެކްސިޑެންޓު ހިނގީ ވެސް ރޭ ޑިއުޓީ ނިންމުމަށް ފަހު، އެއާޕޯޓު ސްޓާފުން ވެހިކަލް ޕާކުކޮށްފައި ހުންނަ ސަރަހައްދުން ސައިކަލު ނެރެގެން ގޮސް، ހުޅުމާލެއިން އަރައިގެން މާލެއަށް ދަނިކޮށް ކަމަށް އެނގިފައިވެ އެވެ. 

މަރުވި މީހާ ރާއްޖޭގައި އުޅެނީ އޭނާގެ އަންހެނުންނާ އެކު އެކު އެވެ. އެ ދެމަފިރިންގެ ދެ ދަރިން ތިބެ އެވެ.