ހުޅުމާލޭ 2 ގައި ޕާކުކޮށްފައި އޮތް ކާރެއްގައި އުޅަނދަކުން ޖެހުމުން، މަޑުނުކޮށް ދިޔަ މައްސަލައެއްގައި މީހަކު ހޯދައި ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ދުއްވި ކާރުން ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. 

ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 7:10 ހާއިރު ހުޅުމާލެ 2 ގެ ބެރެބެދިމާ ހިނގުމުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އެހެން ކާރަކުން ޖެހުމުން ވެސް މަޑުނުކޮށް ގޮސްފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. 

އެ މައްސަލައާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން އެ މީހާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެއީ ލ. ކަލައިދޫ، ގުފްރާން ހާލިދު، 26، ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތުކުރެވިގެން އޭނާ ދުއްވި އުޅަނދު ވެސް ބަލައިފާސްކުރީ ކަމަށެވެ. އަދި އޭނާގެ އުޅަނދުން ބަނގުރާ ހުރި ދަޅަކާއި ބަނގުރާ ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. 

އެ މައްސަލާގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 10 ދުވަސް ބަންދަށް ދީފައިވެ އެވެ. ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން ގުފްރާންގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެތީގެ ބާވަތަކަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އަދި މީނާ ކަފާލާތުގެ ދަށުން ދޫކޮށްލަން ދިފާއީލް ވަކީލް އެދުނުކަން ވެސް ފާހަގަކޮށްފައިވެ އެވެ. 

ފުލުހުން ބުނި ގޮތުގައި އެ މައްސަލަ ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.