ނޫސްވެރިކަމުގެ ހައްގުގައި މަސައްކަތްކުރަން ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހް ބައްދަލު ކުރައްވަން ނިންމަވައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިދިކޮޅުގައި ތިއްބެވި ކުރީގެ ތިން ރައީސުންގެ ބައްދަލުވުން މި ހަފުތާ ބަންދުގެ ތެރޭގައި ބާއްވަން ދަނީ މަސަައްކަތް ކުރަމުންނެވެ. ނަމަވެސް، މިހާތަނަށް ބައްދަލުވުން ބާއްވާނެ ދުވަހެއް ޔަގީން ކުރެވިފައިނުވާ ކަމަށް އެކަމުގެ މައުލޫމާތު އެނގޭ ބޭފުޅަކު ވިދާޅުވި އެވެ.
ކުރީގެ ރައީސް ޔާމީން މި ވަގުތު މާލޭގައި ހުންނެވި ނަމަވެސް، އަނެއް ދެ ބޭފުޅުން ތިއްބެވީ މާލެއިން ބޭރުގަ އެވެ. އެގޮތުން އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިނަށް ނަޝީދު ލ. އަތޮޅުގައި ހުންނެވިއިރު އިބްރާހިމް މުހައްމަދު ސޯލިހް ހުންނެވީ އިންޑިއާގަ އެވެ.
ޔާމީން އިއްޔެ "މިހާރު" އަށް ވިދާޅުވި ގޮތުގައި ނަޝީދާއި ސޯލިހާއެކު މަސައްކަތް ކުރައްވަން ނިންމެވީ ނޫސްވެރިންގެ ދިފާއުގައި ކަމަށެވެ. އެއީ، ދެ ނޫސްވެރިއެއްގެ މައްޗަށް ދައުވާކޮށް އަދި އެހެން ދެ ނޫސްވެރިއަކު ޖަލަށްލާން ހުކުމްކޮށްފައިވާތީ އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޔާމީން އެގޮތަށް ނިންމެވިކަން އިއުލާން ކުރެއްވީ އެކުގައި މަސައްކަތްކުރަން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ގޮވާލައްވާފައި ވަނިކޮށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ފައްޔާޒު ވިދާޅުވެފައިވަނީ އެއީ ތިން ރައީސުން އެކުގައި ނިކުމެ ގައުމު ސަލާމަތް ކުރަންވީ ވަގުތު ކަމަށެވެ.
ފައްޔާޒުގެ އެ ޕޯސްޓަށްފަހު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޫސްވެރިން ހައްޔަރުކުރުމާ ދެކޮޅަށް ކުރާ އިހުތިޖާޖަށް އެމަނިކުފާނު ވެސް މަގުމައްޗަށް ނިކުންނަވާނެ ކަމަށެވެ. އަދި ރޭ ބޭއްވި މުޒާހަރާގައި ބައިވެރިވުމުން ނަޝީދު ވިދާޅުވީ ނޫސްވެރިކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ހައްގުގައި ކޮންމެ ދުވަހަކު މުޒާހަރާ ކުރާނެ ކަމަށެވެ.
ސަރުކާރާ ދެކޮޅަށް ކޮންމެ ރެއަކު ވެސް އެމްޑީޕީންނާއި ޔާމީންގެ ޕީއެންއެފްއަށް ސަޕޯޓްކުރާ މީހުން ސިލްސިލާ މުޒާހަރާތައް ކުރަމުންދެ އެވެ. އަދި އަދަދު ނޫހުން ނެރުނު ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރާ ގުޅިގެން ކޯޓު ހުރުމަތް ކެނޑި ކަމަށް ބުނެ ދެ ނޫސްވެރިއަކު ޖަލަށްލާން ކުރި ހުކުމަށް ކުރީގެ ތިން ރައީސުން ވެސް ފާޑު ވިދާޅުވެފައިވެ އެވެ.