ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ސަރަހައްދުތަކުގެ ބޭރުގައި، އާންމު ރައްޔިތުންގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް މުޒާހަރާކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ. 

ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި "އަދަދު" ގެ ދެ ނޫސްވެރިޔަކު ޖަލަށް ލުމާ އެކު ރެއިން ފެށިގެން މާލޭގައި މުޒާހަރާ ވަރުގަދަވެފައި ވަނިކޮށް ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނީ ގާނޫނާ އެއްގޮތަށް ބާއްވާ އެއްވުންތަކަށް ހިމާޔަތް ދޭނެ ކަމަށާއި ހައްގުތައް ލިބިދިނުމުގައި ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށެވެ. 

ފުލުހުން ބުނީ މުޒާހަރާކުރާއިރު އެހެން މީހުންގެ ހައްގުތަކަށް އުނިކަން އައިސް، އާންމު ރައްކާތެރިކަމާއި ދަތުރުފަތުރުގެ ނިޒާމާއި ހިނގާބިނގާވެ އުޅޭ މީހުންނަށާއި ވިޔަފާރިތަކަށް ގެއްލުންވާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ. އެހެންވެ، ގާނުނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކުގެ ބޭނުންހިފުމުގައި އެހެން މީހުންގެ ހައްގުތަކަށް އުނިކަން ނާންނާނެކަން ގޮތަށް އަމަލުކުރުމަށް އިލްތިމާސްކުރާ ކަމަށް ބަޔާނުގައިވެ އެވެ. 

ގާނޫނާ ހަވާލާދީ ފުލުހުން ވަނީ ލިޔުމުން ހުއްދަ ހޯދުމަކާ ނުލައި މާލޭގައި މުޒާހަރާކުރެވޭނެ ތަންތަން ކަނޑައަޅާފައިވާކަން ފާހަގަކޮށްފަ އެވެ. 

"... ކަނޑައެޅިފައިވާ ސަރަހައްދުން ބޭރުގައި، އާންމު ރައްޔިތުންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދޭނެ ވާހަކަ ދަންނަވަމެވެ." ފުލުހުން ބުންޏެވެ.

އަދި ބުނެފައިވަނީ ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތައް ރޫޅާލާނެ ކަމަށާއި އެފަދަ ކަންތައް އިންތިޒާމްކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅައި އާންމު މަސްލަހަތު ހިމާޔަތްކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ. 

ފުލުހުން ބަޔާން ނެރުނު އިރު މިރޭ ވެސް މާލޭގައި ދަނީ މުޒާހަރާކުރަމުންނެވެ. އަދި ރޭގެ މުޒާހަރާގެ ތެރެއިން 10 މީހަކު ހައްޔަރުކޮށް އޭގެ ތެރެއިން ތިން މީހެއްގެ ބަންދު އިތުރުކޮށްފައި ވާއިރު މިރޭ މުޒާހަރާ ފެށުމުގެ ކުރިން ވެސް ބަޔަކު ހައްޔަރުކޮށްފައިވެ އެވެ.