ނޫސްވެރިކަމުގެ ހައްގުގައި މަސައްކަތްކުރަން ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ ރޭ ބައްދަލު ކުރައްވަން ނިންމަވައިފި އެވެ.
ޔާމީންގެ ޕީއެންއެފްގެ އޮފިޝަލަކު ވަނީ އެ ތިން ބޭފުޅުން މާދަމާ ރޭ ބައްދަލުކުރައްވާނެކަން ކަށަވަރުކޮށްދެއްވައިފަ އެވެ. ނަމަވެސް، ބައްދަލުވުުން ބާއްވާ ތަނަކާއި ވަގުތެއް އަދި ސާފެއްނުވެ އެވެ.
ޔާމީނާއި އިބޫ މި ވަގުތު ހުންނެވީ މާލޭގަ އެވެ. އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ނަޝީދު މި ވަގުތު ހުންނެވީ ލ. އަތޮޅުގަ އެވެ. ނަމަވެސް، މާދަމާ އެ މަނިކުފާނު ވެސް މާލެ ވަޑައިގަންނަވާނެ އެވެ.
ޔާމީން އިއްޔެ "މިހާރު" އަށް ވިދާޅުވި ގޮތުގައި ނަޝީދާއި ސޯލިހާއެކު މަސައްކަތް ކުރައްވަން ނިންމެވީ ނޫސްވެރިންގެ ދިފާއުގައި ކަމަށެވެ. އެއީ، ދެ ނޫސްވެރިއެއްގެ މައްޗަށް ދައުވާކޮށް އަދި އެހެން ދެ ނޫސްވެރިއަކު ޖަލަށްލާން ހުކުމްކޮށްފައިވާތީ އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ޔާމީން އެގޮތަށް ނިންމެވިކަން އިއުލާން ކުރެއްވީ އެކުގައި މަސައްކަތްކުރަން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ގޮވާލައްވާފައި ވަނިކޮށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ފައްޔާޒު ވިދާޅުވީ މިއީ ތިން ރައީސުން އެކުގައި ނުކުމެ ގައުމު ސަލާމަތް ކުރަންވީ ވަގުތު ކަމަށެވެ.
ފައްޔާޒުގެ އެ ޕޯސްޓަށްފަހު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޫސްވެރިން ހައްޔަރުކުރުމާ ދެކޮޅަށް ކުރާ އިހުތިޖާޖަށް އެ މަނިކުފާނު ވެސް މަގުމައްޗަށް ނިކުންނަވާނެ ކަމަށެވެ. އަދި ރޭ ބޭއްވި މުޒާހަރާގައި ބައިވެރިވުމުން ނަޝީދު ވިދާޅުވީ ނޫސްވެރިކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ހައްގުގައި ކޮންމެ ދުވަހަކު މުޒާހަރާ ކުރާނެ ކަމަށެވެ.
ސަރުކާރާ ދެކޮޅަށް ކޮންމެ ރެއަކު ވެސް އެމްޑީޕީންނާއި ޔާމީންގެ ޕީއެންއެފްއަށް ސަޕޯޓްކުރާ މީހުން ސިލްސިލާ މުޒާހަރާތައް ކުރަމުންދެ އެވެ. އަދި އަދަދު ނޫހުން ނެރުނު ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރާ ގުޅިގެން ކޯޓު ހުރުމަތް ކެނޑި ކަމަށް ބުނެ ދެ ނޫސްވެރިއަކު ޖަލަށްލާން ކުރި ހުކުމަށް ކުރީގެ ތިން ރައީސުން ވެސް ފާޑު ވިދާޅުވެފައިވެ އެވެ.