އިދިކޮޅު ފަރާތްތަކާއި ޖުމުލަކޮށް، ހުރިހާ އެންމެންގެ ވާހަކަތައް ވެސް އަޑުއައްސަވާނެ ކަމަށާއި އެކަމަކު ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް އަމަލުކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދެއްވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ. 

މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީއެންސީ އަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ރިޔާސީ ކެމްޕެއިންގައި އެ މަނިކުފާނު ހއ. ކެލައަށް ވަޑައިގަތުމުން ދެކޮޅަށް އަޑުއުފުލި ޒުވާނުންތަކެއްގެ ކައިރި އަށް ވަޑައިގެން ސަލާން ކުރައްވައި ވާހަކަ ދެއްކެވި ކަމަށެވެ. އެ ޒުވާނުންގެ ފަރާތުން ވެސް ފެނުނީ ސުލްހަވެރިކަން ކަމަށް ވިދާޅުވި އެވެ. 

"އަޅުގަނޑު ބޭނުންވަނީ އެ ގޮތަށް ރައްޔިތުންނާ ގާތަށް ގޮސް، ރައްޔިތުން ކިތަންމެ މުޒާހަރާއެއް ކުރިޔަސް އަދި ކިތަންމެ ރުޅި އައިސް ތިއްބަސް ސަލާންކޮށްލަން. ސަލާން ވެސް ކުރޭ އެ ކުދިން،" ޕީއެންސީގެ މައި ހަރުގޭގައި ގިނަ އަދަދެއްގެ ސަޕޯޓަރުންތަކަކާ އެކު ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވި އެވެ. 

ޕީއެންސީގެ ރޭގެ ޖަލްސާ އަށް ރައީސް މުއިއްޒު ވަޑައިގަތުމުން ނައިބު ރައީސް ހުސައިން މަރުހަބާ ދަންނަވަނީ.
ޕީއެންސީގެ ރޭގެ ޖަލްސާ އަށް ރައީސް މުއިއްޒު ވަޑައިގަތުމުން ނައިބު ރައީސް ހުސައިން މަރުހަބާ ދަންނަވަނީ.

ރައީސް ވިދާޅުވި ގޮތުގައި އެ މަނިކުފާނަކީ ރައްޔިތުންގެ ވާހަކަތައް އަޑުއައްސަވައި އެ މީހުންނާ ގާތުން މަސައްކަތްޕުޅު ކުރައްވަން ބޭނުންފުޅުވާ ބޭފުޅެކެވެ. މިއަދާ ހަމައަށް ވެސް އެކަން ދެމެހެއްޓީ އެ ގޮތަށް ކަމަށް ވިދާޅުވި އެވެ. 

"އެހެންވީމާ ކިތަންމެ އިދިކޮޅު ވާހަކައެއް އަޅުގަނޑާ ދެކޮޅަށް ބުންޏަސް އަޅުގަނޑު ހަމަ އަޑުއަހާނަން. އަޑުއެހުމުގެ ގާބިލްކަން އެބަހުރި، ކެތްތެރިކަން އިރާދަކުރެއްވިއްޔާ އިސްކުރާނަން. އިސްކޮށްގެން އަޅުގަނޑު ދާނީ ކުރިއަށް،" ރައީސް ވިދާޅުވި އެވެ. 

"އެކަމަކު ގާނޫނުގެ ވެރިކަން މި ގައުމުގައި ދަމަހައްޓާނަމޭ. ގާނޫނާ ހިލާފަށް ގާނޫނުއަސާސީއާ ހިލާފަށް އެއްވެސް ކަމެއް ކުރުމަކީ ޑިމޮކްރަސީގައި އޮންނަ ހަމައެއް ނޫން."

ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނާ ބެހޭ ގޮތުން ކޮންމެ ވާހަކައެއް ދެކިޔަސް އެކަމާ ކަންބޮޑުވެވަޑައިނުގަންނަވާކަން މިދިޔަ ހުރިހާ ދުވަހަކު ފެންނާނެ ކަމަށެވެ. ނަމަވެސް ޝަރުއީ ކޯޓަކުން ވަކި ގޮތަކަށް އަމުރެއް އައީމާ އެ އަމުރަށް ތަބާވާން އެ މަނިކުފާނަށް ވެސް ލާޒިމްވާނެ ކަމަށް ވިދާޅުވި އެވެ. 

"އެއީ މުޅިން އެހެން ކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ. 

ޕީއެންސީގެ މައި ހަރުގޭގައި ރޭ ޖަލްސާ ބާއްވަމުން ގެންދިޔައިރު ކުރިމަތިން އާޓިފިޝަލް ބީޗު ސަރަހައްދުގައި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިން ހަރަކާތެއް ވެސް ކުރިއަށް ގެންދިޔަ އެވެ. 

އެމްޑީޕީގެ ޖަލްސާގެ އަޑަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، އެ ސަރަހައްދުން ފެންނަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ތަންމިނަށް ހުޅުވިފައިވާ މަންޒަރު ކަމަށެވެ. ހާއްސަކޮށް އެއްވެސް ހިފެހެއްޓުމެއް ނެތި ސިޔާސީ މަސައްކަތްތަކާއި ސިޔާސީ ވާހަކަތައް ރާއްޖޭގައި ދެއްކޭނެ ކަން އެ މަންޒަރުން ސާފު ކަމަށް ރައީސް ވިދާޅުވި އެވެ. 

ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ސަޕޯޓަރުންނާ އެކު ރައީސް މުއިއްޒު އަތްޖައްސަވަނީ.
ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ސަޕޯޓަރުންނާ އެކު ރައީސް މުއިއްޒު އަތްޖައްސަވަނީ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި މިދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގައި މި ސަރުކާރުން ވަނީ ރާއްޖޭގައި ސިޔާސީ ހަމަޖެހުން ގާއިމްކޮށްދީފަ އެވެ. 

"އެއްވެސް ސިޔާސީ ލީޑަރެއް ޖަލަކަށް ނުލަން. އެއްވެސް މީހަކު ސިޔާސީ ސަބަބަކަށްޓަކައި ހައްޔަރެއް ނުކުރަން. ހަމަ ވަރަށް މިނިވަންކަންމަތީގައި ވަރަށް ފުޅާމިނެއްގައި ކޮންމެ މީހަކަށް ވެސް ސިޔާސީ މަސައްކަތް އެބަކުރެވޭ،" ރައީސް ވިދާޅުވި އެވެ. 

އެކަމަކު، މީގެ ކުރީގެ ހާލަތަކީ ސިޔާސީ މީހެއް ނަމަ ހާއްސަކޮށް ކުރީގެ ރައީސެއް ނަމަ ހުންނަން ޖެހެނީ ޖަލުގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

ނަމަވެސް ރައީސް މުއިއްޒު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައީ އެ "ސައިކަލް" ނިންމުމުގެ ވައުދާ އެކު ކަމަށް ވާތީ އެކަން މިހާރު ވަނީ ނިންމާފައި ކަމަށެވެ.