ސަރުކާރަށް މިވީ ދުވަސްތަކުގެ ތެރޭގައި ވަށާޖެހޭ އިގްތިސާދީ ސިޔާސަތެއް ތަންފީޒު ކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާގައި ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރު ހިންގިއިރު ގައުމުގެ އިގްތިސާދު އޮތީ ވަރަށް ބޮޑު އަނދަވަޅަކަށް ވައްޓާލާފައި ކަމަށެވެ. އެކަމަކު މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު، މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި ވަށާޖެހޭ އިގްތިސާދީ ސިޔާސަތެއް ސަރުކާރުން ތަންފީޒުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާ ބޮޑެތި ދަރަނިތައް މި ސަރުކާރުން ދައްކައި ހަލާސްކުރަމުން އަންނަ ކަމަށާއި މިދިޔަ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް ގާތްގަނޑަކަށް ބިލިއަނެއްހާ ޑޮލަރުގެ ދަރަނި ދައްކާފައިވާ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އޭގެ ތެރެއިން އެންމެ ބޮޑު އެއް ދަރަންޏަކީ ސުކޫކެވެ. ސުކޫކް ދަރަނި އަދާކުރުމަށް 524 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ގައުމުގެ ހަރުމުދާތައް ވެސް ރަހުނު ކޮށްފައިވާ ކަމަށާއި ދަރަނި ދައްކައި އެ ތަންތަން ރަހުނުން ސަލާމަތްކޮށް، ރައްޔިތުންގެ އަތްމައްޗަށް އެތަންތަން އަނބުރާ ގެނެސްދެމުންދާ ކަމަށް ވިދާޅުވި އެވެ.
އެ ކުރެވޭ އިގްތިސާދީ މަސައްކަތުގެ ނަތީޖާއަކަށް ވާނީ ރައްޔިތުންނަށް އަތްފޯރާފަށަށް ރައްޔިތުންގެ މުދާ ރައްޔިތުން ގަންނަން ބޭނުންވާ ތަކެތި ލިބޭނެ ގޮތް އިތުރަށް ފުޅާވުން ކަމަށް އެމަނިކުފާނު ވިދާޅުވެ އެވެ.
"އިރާދަކުރެއްވިއްޔާ މިކުރެވޭ އިގުތިސާދީ މަސައްކަތުގެ ނަތީޖާއަކަށް ވެގެންދާނީ ރައްޔިތުންނަށް އަތްފޯރާފަށަށް ރައްޔިތުންގެ މުދާ ރައްޔިތުން ގަންނަން ބޭނުންވާ ތަކެތި ލިބޭނެގޮތް އިތުރަށް ފުޅާވެގެންދިއުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބަޔަކު ދައްކާ ވާހަކައެއްގެ ސަބަބުން ހަގީގަތް ބަދަލުނުކުރެވޭނެ ކަމަށާއި މިދިޔަ 40 އަކަށް ދުވަހުގެ ތެރޭގައި 974 މިލިއަން ޑޮލަރު ސަރުކާރުން ދެއްކީ ގައުމުގެ މުސްތަގުބަލަށްޓަކާ ކަމަށެވެ. އެ ހަގީގަތް ބަދަލުނުކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ގައުމުގެ އިގްތިސާދު ނަގައި ކޮޅަށް ޖެހުމަކީ އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމުކަން ކަމަށެވެ.
ރާއްޖޭގެ ހާރިޖީ ސިޔާސަތަށް އަލިއަޅުއްވާލައްވާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ މިސަރުކާރު ވެރިކަމާ ހަވާލުވިއިރު ހާރިޖީ ސިޔާސަތު އޮތީ ވަކި އަތަކަށް ބުރަވެ ހުސްވެފައި ކަމަށެވެ. އެކަމަކު މި ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތަކީ މޯލްޑިވްސް ފަސްޓް ކަމުގައި ކަނޑައަޅައި ތަންފީޒު ކުރައްވަން ފެއްޓެވިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނާއި ގައުމަށް މަންފާ ލިބޭނެ ގޮތްތައް އެ މަނިކުފާނު އިސްކުރައްވާނެ ކަމަށެވެ. އަދި ރާއްޖޭގެ ހަތުރެއް މިހާރު ނެތް ކަަމަށާއި ރާއްޖެއަކީ އެކުވެރިކަމާ އެކު ކުދިބޮޑު ގައުމުތަކާ އެކު މަސައްކަތް ކުރަމުން އަންނަ ގައުމަކަށްވެފައިވާ ކަމަށާއި ބައިނަލްއަގްވާމީ މުޖުތަމައުން ބަަލައިގަންނަ ބަސްވިކޭ ގައުމަކަށް ރާއްޖެވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތަށް ރާއްޖޭގެ ކަންކަން ބައްޓަންކުރުމުގެ ނަތީޖާ ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ފޮނިކޮށް ފެންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.