ރާއްޖެއިން މިއަހަރު ހައްޖަށް ދާ ދިވެހިންގެ އިސްވެރިއެއްގެ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހައްޖަށް ފުރާވަޑައިގެންފި އެވެ. 

މިނިސްޓަރު ހައްޖަށް ފުރައިވަޑައިގަތީ މިއަދު ހެނދުނު އެމިރޭޓްސްގެ ފްލައިޓެއްގަ އެވެ. 

އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގަންނަވާނެ ބޭފުޅުން ރާއްޖޭގައި އަބަދުވެސް ކަނޑައަޅުއްވަނީ ރައީސެވެ. މިދިޔަ އަހަރު އަމީރުލްހައްޖުގެ ގޮތުގައި ކަނޑައެޅުއްވީ އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު އެވެ.

ރާއްޖެއިން ހައްޖަށް ފުރި އެންމެ ފަހު ގްރޫޕުގައި ހިމެނޭ 253 ހައްޖުވެރިން ވެސް ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ސައުދީއަށް ފުރައިފަ އެވެ.  

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ އިތުރުން ސައުދީ އެއާލައިންގައި ރާއްޖޭގެ ހުރިހާ ހައްޖުވެރިން ފުރިއިރު، ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ލިބިފައިވާ ކޯޓާގެ ތެރެއިން 500 މީހުން ދަތުރުކުރީ މޯލްޑިވިއަން އެއާލައިންގެ ފްލައިޓްގަ އެވެ.

ބާކީ 500 މީހުން ގެންގޮސްފައިވަނީ ސައުދިއާ އެއާލައިންގެ ފްލައިޓުގަ އެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް ރާއްޖެއިން ހައްޖަށްދާ މީހުން ދަތުރުކުރީ މައްކާ ރޫޓުގެ އިންތިޒާމުތަކުގެ ތެރެއިންނެވެ. އެއީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ނިންމައިގެން ފުރޭނެ އިންތިޒާމް ހަމަޖައްސައިދޭ ޕްރޮގްރާމެކެވެ.

ހައްޖަށް ދާއިރު، އެއާޕޯޓާއި އިމިގްރޭޝަން މަރުހަލާ ނިންމުމުގެ ގިނަ ލުއިތަކެއް ލިބޭ މައްކާ ރޫޓުގެ ފުރުސަތަކީ އާންމުކޮށް އެއްފަހަރާ މަދުވެގެން 20،000 މީހުން ހައްޖަށް ދާ ގައުމުތަކަށް ސައުދީ ސަރުކާރުން ދޭ ފުރުސަތެކެވެ. އެކަމަކު އަހަރަކު 1،000 މީހުން ހައްޖަށްދާ ރާއްޖެއަށް އެ ފުރުސަތު ދޭން ފެށީ މިދިޔަ އަހަރުން ފެށިގެންނެވެ. 

މިފަހަރު ދިވެހި ހައްޖުވެރިން ސައުދީގައި 22 ދުވަހު ތިބޭނެ އެވެ.