ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕާލަމެންްޓްރީ ގުރޫޕްގެ ތެރޭގައި އެއްވެސް ހިތްނުތަނަވަސްކަމެއް ނެތް ކަމަށާއި އޮތީ ސަރުކާރާ އެކު ވަރަށް ސާބިތުކޮށް ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ. 

ޝާހިދު އެހެން ވިދާޅުވީ ޕީއެންސީ ޕީޖީ ތެރޭގައި ހިޔާލުތަފާތުވުންތައް އޮތް ކަމުގެ އަޑުތަކެއް އަރާފައިވަނިކޮށެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް، އެ މަގާމުން ވަކިކުރަން އުޅޭތީ ބައެއް މެންބަރުންގެ ހިތްހަމަނުޖެހުން އޮތް ކަމަށް އަޑު ފެތުރިފައިވެ އެވެ.  

އެ ވާހަކަތަކަށް ރައްދު ދެއްވަމުން ޝާހިދު ވިދާޅުވީ ޕީއެންސީގެ 77،000 މެންބަރުންނަށް ދެއްވާ ޔަގީންކަމަކީ އެ ޕާޓީގެ ޕީޖީ އޮތީ ސަރުކާރާ އެކު ވަރަށް އިހުލާސްތެރިކަމާއި ތެދުވެރިކަމާ އެކު ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ދެވަނަ ދައުރަކަށް އިންތިހާބު ކުރަން ވެސް ތިބީ ސާބިތުކަމާ އެކު ކަމަށް ޝާހިދު ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ ތެރޭގައި ނެތް އެއްވެސް ކަހަލަ ހިތްހަމަނުޖެހުމެއް، ހިތްނުތަނަވަސްކަމެއް،" ޝާހިދު ވިދާޅުވި އެވެ. 

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވެސް ވިދާޅުވީ ނާޒިމްގެ އިތުބާރު ނެތް ކަމަށް ޕީއެންސީގެ މަޖިލިހުގެ މެންބަރުން ފާސްކުރާނެ ކަމަށެވެ. ނަމަވެސް، ނާޒިމާ އެކު ޕީއެންސީގެ އެއްވެސް މެންބަރަކު ވަޑައިނުގަންނަވާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ. 

އަދި ނާޒިމް ވެސް ޕީއެންސީ ދޫކުރައްވާ ވަޑައިނުގަންނަވާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ. 

"މިކަން ހަޖަމު ނުވެގެން އުޅޭ އެމްޑީޕީގެ ލީޑަރުންނަށް ދަންނަވާލަން ބޭނުން ވަނީ ތިޔަބޭފުޅުން މިކަހަލަ ކަންކަމާ އުޅުއްވާނެ ކަމެއް ނެތޭ،" ޝުޖާއު ވިދާޅުވި އެވެ. 

ޝުޖާއު ވިދާޅުވީ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ މަގާމެއްގައި ހުންނަވާ ބޭފުޅެއްގެ އިތުބާރު ނެތް ކަމަށް ފެނިއްޖެ ނަމަ، އެގޮތަށް އެކަން ފާސްކުރުމަކީ ނިޒާމް އޮންނަ ގޮތް ކަމަށެވެ. އެއީ ކޮންމެ މަގާމެއްގައި ހުންނެވި ބޭފުޅަކަށް ވިޔަސް، ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕަށް އެ ބޭފުޅެއްގެ އިތުބާރު ގެއްލިއްޖެ ނަމަ ޕީއެންސީގެ 75 މެންބަރުންނަށް ވެސް އެ އިތުބާރު ނޯންނާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ. 

"އިތުބާރު ނެތް މީހަކާ އެކު ދާނެ އެއްވެސް މެންބަރެއް އަޅުގަނޑުމެންގެ ޕާޓީގައި ނުހުންނާނެ،" ޝުޖާއު ވިދާޅުވި އެވެ. 

ޝުޖާއު މި ވާހަކަތައް ދެއްކެވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ނަޝީދު ވަނީ ޕީއެންސީގެ މެންބަރުންތަކެއް ނާޒިމާ އެކު ރައީސް މުއިއްޒުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެފަ އެވެ. 

އަދި ނަޝީދާއި ކުރީގެ ދެ ރައީސުން ކަމަށްވާ އަބްދުﷲ ޔާމީނާއި އިބްރާހިމް މުހައްމަދު ސޯލިހު ގުޅިގެން ކުރައްވާ މަސައްކަތަށް ޕީއެންސީގެ ބައެއް މެންބަރުންގެ ތާއިދު ލިބޭނެ ފަދަ އިޝާރާތެއް އެ ބޭފުޅުން ދެއްވާފައިވާ ކަމަށް ނަޝީދު ވިދާޅުވެ އެވެ.