ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ފަރާތްތަކުން މާބޮޑުކަމެއް ނުކުރާ ކަމަށާއި މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އަދި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަށް ލިބިގެން އެ މަސައްކަތަށް ލިބޭނެ އިތުރު ކުރިއެރުމެއް ވެސް ފެނިވަޑައިނުގަންނަވާ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާއިގެ ބައި އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އަހުމަދު ސައީދު (ސޮޑާ) ގެ ކެމްޕެއިނަށް އެ ދާއިރާގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ގަރާރުގައި ސޮއިކުރާނެ މެމްބަރަކު މަޖިލީހަށް ބޭނުން ނުވާ ކަމަށެވެ. 

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ދީފައި ވަނީ ރައީސް މުއިއްޒުގެ ވެރިކަން ރައްޔިތުން ބޭނުންވާ ގޮތަށް ކުރަން ފަހިކޮށްދޭން ކަމަށާއި މަޖިލީހަށް ބޭނުންވަނީ އެ މަސައްކަތް ކުރައްވާނެ ބޭފުޅެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމު ވެސް ފުރުއްވާ އަބްދުއްރަހީމް ވިދާޅުވީ ރައިސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާނެ ކަމަށް ބުނެ އިދިކޮޅުން ވާހަކަ ދެއްކިޔަސް އެ ފުރުސަތު މަޖިލީހުގެ ތެރެއިން ނުދެއްވާނެ ކަމަށެވެ. 

"އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުންވަނީ ނަނާ ހުވަފެން ނުދައްކަވާށޭ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ތިބޭފުޅުންނަށް ނުނެންގެވޭނެއޭ. އެކަން ކުރާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަމޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މާޒީއަކީ މުސްތަގުބަލުގެ މޫނުބަލާ ލޯގަނޑު ކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވިދާޅުވީ މާޒީ އަށް ބަލާއިރު ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް އެންމެ ރަނގަޅީ ޕީއެންސީގެ ކެންޑިޑޭޓު ކަމަށެވެ. 

"އެއީ ރައްޔިތުންގެ އެންމެ މުހިއްމު ވަރި ކައިވެނީގެ ސެޓްފިކެޓު، ގޯތީގެ ރަޖިސްޓްރީ އަދި މި ނޫން ވެސް ލިޔެދެއްވާފައި ހުރި ހިބަ ފަތް ކަހަލަ އެތައް އަގުހުރި އެއްޗެއްގައި ހުޅު ޖަހައި އަނދާލުމުގައި އެންމެ އަޑީގައި ހުރި މޭސްތިރިއަކު ރައްޔިތުންގެ މަޖިލީހަށް ފޮނުވާކަށް ތިބޭފުޅުން ބޭނުމެއް ނުވާނެ،" އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމުގެ ރައީސް މުހައްމަދު ނަޝީދަށް ކުރިމަތިވި ކަންކަމާ އެކު ދެއްވި ކުއްލި އިސްތިއުފާއާ ގުޅިގެން ހިނގާދިޔަ ހަމަނުޖެހުންތަކުގެ ތެރޭގައި އައްޑޫގެ ބައެއް މުއައްސަސާތަކުގެ އިމާރާތުގައި ހުޅު ޖެހި ހާދިސާއަށް އިޝާރާތް ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

ސޮޑާއަށް ވޯޓު ހޯދުމަށް އައްޑޫގައި ކުރިއަށްދާ ޑޯ ޓު ޑޯ  ހަރަކާތުގައި އަދުރޭ ބައިވެރިވެވަޑައިގަންނަވަނީ--
ސޮޑާއަށް ވޯޓު ހޯދުމަށް އައްޑޫގައި ކުރިއަށްދާ ޑޯ ޓު ޑޯ ހަރަކާތުގައި އަދުރޭ ބައިވެރިވެވަޑައިގަންނަވަނީ--

އެހެންވެ، މާޒީން އިބުރަތް ހާސިލުކޮށްފި ނަމަ މާދަމާ ބިނާކުރުމަށް ވޯޓު ދޭންވާނީ ޕީއެންސީގެ ކެންޑިޑޭޓަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

ސަރުކާރު ޖަވާބުދާރީކުރުވުގެ ވާހަކަތައް ވެސް ގަދަވެފައިވާކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ސަރުކާރު ޖަވާބުދާރީކުރުމަށް އިދިކޮޅަށް ކުރެވޭނެ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި މަޖިލީހުގެ ތެރެއިން އެފަދަ މަސައްކަތްތަކެއް ކުރަމުން އަންނަ މަންޒަރު ވެސް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ. 

އެމްޑީޕީން ސަރުކާރު ޖަވާބުދާރީކުރުވުމަށް ކުރާ މަސައްކަތްތަކާ ގުޅިގެން ސޯބެ އަށް ވެސް ކުރެވޭނެ އިތުރު މަސައްކަތްތަކެއް އޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވެ އެވެ. 

"ރައްޔިތުންގެ މަޖިލީހުގެ ތެރެއަކުންނެއް ސަރުކާރު ޖަވާބުދާރީކުރުވުމަށް މާބޮޑު މަސައްކަތެއް މިހާރު އެމްޑީޕީގައި ތިއްބެވި މެމްބަރުންނަކަށް ނުކުރެވޭ. ނުކުރައްވާ. އޭގެ ތެރެއަށް އަބްދުﷲ ސޯދިގު ވަޑައިގެން އިތުރަށް ކުރެވޭނެ ކަމެއް އޮތް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

އައްޑޫ މީހުން ބޭނުންވަނީ ތަރައްގީ އާއި ކުރިއެރުމާއި ހަމަޖެހުމާއި ރައްކާތެރިކަމުގެ އިތުރުން އުފާވެރިކަން ކަމަށާއި އެކަން ކުރެވޭނީ ހަމައެކަނި ޕީއެންސީ އަށް ކަަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ބައި އިލެކްޝަންގައި ވާދަކުރައްވަނީ އިދިކޮޅު އެމްޑީޕީގެ ފަރާތުން އައްޑޫގެ ކުރީގެ މޭޔަރު ސޯބެ އާއި ޕީއެންސީގެ ސައީދު އެވެ. 

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި މަޖިލިސް އިންތިހާބުގެ ތެރޭގައި ކާމިޔާބުކުރީ މުހައްމަދު ސިނާން އެވެ. އެކަމަކު އޭނާގެ ގޮނޑި ގެއްލުނީ އިތުރު މީހަކާ ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޯބަރު 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކެވި މައްސަލައިގަ އެވެ. 

އަލުން އެ ދާއިރާގެ ބައި އިލެކްޝަނަށް ހުޅުވާލަން ނިންމުމުން ޕާޓީގެ ޓިކެޓު ހޯދުމަށް ސިނާން ވެސް ކުރިމަތިލި އެވެ. އަދި ޕްރައިމަރީ ކާމިޔާބުކުރީ ވެސް ސިނާން އެވެ. އެކަމަކު ފަހުން އެ ޓިކެޓު ސައީދަށް އޭނާ ދޫކޮށްލެއްވީ އެވެ. 

ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެފައިވަނީ ސިނާން ޓިކެޓު ދޫކޮށްލެއްވީ ޕާޓީގެ ލީޑާޝިޕުން އަންގައިގެން ނޫން ކަމަށާއި އެއީ އާއިލާއަށް ވަގުތު ދިނުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ. 

އަބްދުއްރަހީމް މިރޭ ވިދާޅުވި ގޮތުގައި އެ ގޮނޑި ޕީއެންސީން އަލުން ކާމިޔާބުކުރާނީ ސިނާންގެ ވެސް އެހީތެރިކަމާ އެކުގަ އެވެ.