ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މަހުލޫފްގެ ސަފީރުކަމުގެ ފަތްކޮޅު ޖަޕާނުގެ އެމްޕެރާ ނަރުހިޓޯ އަށް މިއަދު އަރުވައިފި އެވެ.  

ޖަޕާނުގައި ހުންނަވާ ސަފީރަކަށް މަހުލޫފު އައްޔަންކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަގާމުގެ ފަތްކޮޅު އޭނާއަށް ދެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 4 ގަ އެެވެ. އަދި މަހްލޫފަށް ރުހުން ދޭން މަޖިލީހުން ނިންމީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެންބަރުންގެ އިއްތިފާގުންނެވެ.

ފޮރިން މިނިސްޓްރީމް ބުނީ ޓޯކިޔޯ އިމްޕީރިއަލް ޕެލަސްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މަހްލޫފްގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމުން އެމްޕެރާ ނަރުހިޓޯ ވަނީ މަރުހަބާ ވިދާޅުވެ ކާމިޔާބަށް އެދިވަޑައިގެންފައި ކަމަށެވެ. 

އެ ރަސްމިއްޔާތުގައި މަހްލޫފް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މުއިއްޒުގެ ފަރާތްޕުޅުން ތަހުނިޔާ އާއި ހެޔޮ އެދުންތައް އަރިސްކުރައްވައިފަ އެވެ. ރާއްޖެ އާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރައްވަން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން މަހްލޫފް އެރުވި އެވެ. 

ރާއްޖެ އާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ ނޮވެމްބަރު 14، 1967 ގަ އެވެ. އަންނަ އަހަރު، ދެ ގައުމުގެ އެ ގުޅުމަށް 60 އަހަރު ފުރޭނެ އެވެ. 

ޖަޕާންގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވަމުން ގެންދެވި ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ ހަސަން ސޯބިރު މިދިޔަ އަހަރުގެ ޖުލައި 28 ގައި އަވަހާރަވުމާ ގުޅިގެންނެވެ.

އެމްޑީޕީ ސަރުކާރުގައި ޔޫތު މިނިސްޓަރުކަމަށް ވަޑައިގަތުމުގެ ކުރިން މަހުލޫފަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެކެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެ މަނިކުފާނު އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ މެމްބަރެއްގެ ގޮތުގައި އޭނާ ފުރަތަމަ އިންތިހާބުވީ 17 ވަނަ ރައްޔިތުންގެ މަޖިލީހަށެވެ. އޭގެ ފަހުން 18 ވަނަ މަޖިލީހަށް އިންތިހާބުވީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގަ އެވެ. ވެރިކަންކުރާ ޕީއެންސީ އަށް މަހުލޫފް ސޮއިކުރެއްވީ މިދިޔަ ނޮވެމްބަރުގައި ޕީއެންސީން ބޭއްވި ބޮޑު ޖަލްސާގަ އެވެ.