ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސަށް ބަދަލުތަކެއް ގެންނާނެކަމުގެ އިޝާރާތެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.
ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅިގެން ރައީސް ފޮނުއްވި މެސެޖުގައި ވަނީ ދުންފަތް ކޮންޓްރޯލްކުރަން އެކުލަވާލާފައިވާ ގާނޫނުތަކާއި ގަވާއިދުތައް އިތުރަށް ހަރުދަނާކުރުމާއި ދުންފަތުން ނަގާ ޓެކުހާއި އޭގެ އަގު އިތުރަށް ހަރުދަނާކުރަން ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ނަމަވެސް، ޓެކުހާ ގުޅޭ އިތުރު ކަމެއް ރައީސް އޮފީހުގެ ވެބްސައިޓުގައި ފާހަގަކޮށްފައެއް ނެތެވެ. އެކަމަކު، ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން ރައީސް އޮފީހުގައި މިއަދު ހަވީރު ޕްރެސް ކޮންފަރެންސެއް ބާއްވަން ވަނީ ނިންމައިފަ އެވެ.
ދުންފަތުގެ އިމްޕޯޓް ޑިއުޓީއަށް އެންމެ ފަހުން ބަދަލު ގެނައީ ނޮވެމްބަރު، 2024 ގަ އެވެ. އެފަހަރު ވަނީ ސިނގިރޭޓުން ނަގާ ޑިއުޓީ 8ރ. އަށް ބޮޑުކޮށްފަ އެވެ.
ރައީސް ވިދާޅުވީ ދުންފަތުގެ ބާވަތްތައް ކޮންޓްރޯލް ކުރުމުގައި ސަރުކާރުން ހަރުދަނާ ގިނަ ފިޔަވަޅުތަކެއް ތަންފީޒުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން، އީ- ސިގިރޭޓް މަނާކުރުމާއި ޖެނެރޭޝަން ބޭން ތަންފީޒުކުރުން ހިމެނެ އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ދުންފަތުގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތަކުގެ އިތުރުން އިޖުތިމާއީ އަދި އިގްތިސޯދީ މައްސަލަތަކަކީ ގައުމުގެ ތަރައްގީއަށް ހުރި ގޮންޖެހުންތަކެކެވެ. އަދި ދުންފަތުގެ ވަބާއިން އާއްމުން ރައްކާތެރި ކުރުމަށާއި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ތަކެތި ޒުވާނުންނަށް މާކެޓްކުރަން ބޭނުންކުރާ އުކުޅުތަކާ ދެކޮޅަށް ސަރުކާރުތަކުން މަސައްކަތްކުރުމަކީ ވެސް މުހިއްމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ފްލޭވާޑް ނިކޮޓީން ޕައުޗާއި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ދުންފަތުގެ ބާވަތްތައް އިސްތިހާރުކުރުން މިހާރު ފުޅާވެފައިވާތީ، އެކަމާ ދެކޮޅަށް މަސައްކަތްކުރަން ރައީސް ވަނީ ގޮވާލައްވައިފަ އެވެ.
އޭގެ އިތުރުން ދުންފަތް ކޮންޓްރޯލްކުރަން އެކުލަވާލާފައިވާ ގާނޫނުތަކާއި ގަވާއިދުތައް އިތުރަށް ހަރުދަނާ ކުރުމާއި ދުންފަތުން ނަގާ ޓެކުހާއި އޭގެ އަގު އިތުރަށް ހަރުދަނާ ކުރަން ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.