ވެރިކަމަށް ވަޑައިގެންނެވީއްސުރެ މިހާތަނަށް ކުރެއްވި އަމިއްލަފުޅު އެއްވެސް ދަތުރެއްގެ އެއްވެސް ކަަމަކަށް ރައްޔިތުންގެ އެންމެ ފައިސާ ފޮއްޗެއް ވެސް ހަރަދު ކުރައްވާފައި ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ހަފުތާ މީޑިއާ ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އަމިއްލަ ދަތުރުފުޅުތަކަށް ވެސް ދައުލަތުގެ ފައިސާ ހަރަދު ކުރުމަކީ ގާނޫނު ހުއްދަކުރާ ކަމެއް ކަމަށާއި ނަމަވެސް އެ ދަތުރުފުޅުތަކުގައި ދައުލަތުގެ ފައިސާ ބޭނުންފުޅު ކުރައްވާ ކަމަށް ދައްކާ ވާހަކައިގެ ހަގީގަތެއް ނެތް ކަމަށެވެ. ޗުއްޓީ ދަތުރުފުޅުތަކުގައި އެ މަނިކުފާނު ވަޑައިގަންނަވާއިރު ވެސް ރަސްމީ މަސައްކަތްޕުޅުތައް ކުރައްވަން ޖެހިވަޑައިގަންނަވާތީ ރައީސް އޮފީހުގެ މުވައްޒަފަކު ގެންދަވާ ކަމަށާއި ބައެއް ފަހަރު އެ މުވައްޒަފަށް ވެސް ހަރަދު ކުރައްވަނީ އަމިއްލަފުޅަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑު މި މަގާމަށް ހޮވިގެން މަގާމާ ހަވާލުވި ދުވަހުން ފެށިގެން މިއަދާ ހަމައަށް، އަމިއްލަ ގޮތުން ކުރި އެއްވެސް ދަތުރެއްގައި އެއްވެސް ކަމަކަށް، އަޅުގަނޑުގެ އަމިއްލަަ ކަމެއްގައި ސަރުކާރުގެ އެންމެ ފައިސާ ފޮއްޗެއް ވެސް ރައްޔިތުންގެ އެންމެ ފައިސާ ފޮއްޗެއް ވެސް ބޭނުންކޮށްފައި ނުހުންނާނެ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އެފަދަ ދަތުރުފުޅުތަކުގައި ދައުލަތުގެ ފައިސާ ހަރަދު ނުކުރެއްވި ނަަމަވެސް ދައުލަތުގެ ފައިސާ އެކަމަށް ހަރަދުކުރުމުގެ ހުއްދަ އޮންނަ ކަމަށާއި އެހެން ރައީސުން އެ ހުއްދައިގެ ބޭނުންފުޅު ކުަރައްވާ ކަމަށެވެ. ދަތުރުފުޅުތަކަށް ދައުލަތުގެ ފައިސާ ހަރަދުކުރައްވާ ކަމަށް، ނޫސްވެރިޔާގެ ސުވާލުގައި އޮތުމުން ރައީސް "އެއީ ހަގީގަތެއް ނެތް" ސުވާލެއް ކަމަށް ވިދާޅުވެ، ނޫސްވެރިޔާއަށް ވެސް ރައީސް ފާޑުވިދާޅުވި އެވެ.
"އަދި މިހާރު ވެސް ކުރީގެ ރައީސުން، ބައެއް ރައީސުން ރާއްޖެ އިން ބޭރަށް ވަޑައިގަންނަވާއިރު ހަމަ އަނެއްކާ ވެސް ސަރުކާރު ހަރަދު އެބަ ކުރައްވާ. ބިލުތައް އަންނާތީ އެނގޭނެ ނޫންތޯ އަޅުގަނޑުމެންނަށް، ބިލުތައް އާދޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އަމިއްލަ ދަތުރުފުޅުތަކުގައި ކުރައްވާ ހަރަދުތަކާ ބެހޭ ގޮތުން ކުރި ސުވާލާއި މިދިޔަ ބޮޑު އީދު ބަންދުގައި ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅާ ބެހޭ ގޮތުން ކުރި ސުވާލަށް ވެސް އެ މަނިކުފާނު މިއަދު ނުރުހުން ފާޅުކުރެއްވި އެވެ.
ރައީސް މުއިއްޒު މިދިޔަ ހަފުތާގައި ސިންގަޕޫރަށް ވަޑައިގަތީ މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ނިންމުމާ އެކު، އުފެދުނު ނުތަނަވަސްކަމުގައި ނާޒިމާ ބައްދަލުކުރައްވަން ކަމަށް އިދިކޮޅު ސިޔާސީ ބައެއް އެކްޓިވިސްޓުން ވަނީ އަޑު ފަތުރައިފަ އެވެ.
ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުން ހުށަހެޅުމާ އެކު އޭނާ ވަނީ އެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވައިފަ އެވެ. އެހެންވެ، މަޖިލީހުގެ ނައިބު ރައީސް ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް މިއަދުގެ ޖަލްސާގައި ވަނީ އިންތިހާބުކޮށްފަ އެވެ.
މިއަދުގެ މީޑިއާ ބްރީފިން ގައި ރައީސްގެ ސިންގަޕޫރު ދަތުރުފުޅާ ބެހޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން އެ މަނިކުފާނު ވިދާޅުވީ އެއީ "ދޮގުގެ ވެސް އެހެން ލެވެލްއެއް" ކަމަށެވެ.
ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަކީ އާއިލާއާ އެކު ކުރައްވަން މާ ކުރިިއްސުރެ ރާއްވަވާފައި އޮތް ދަތުރުފުޅެއް ކަމަށް ރައީސް ވިދާޅުވި އެވެ.